ޚަބަރު

މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކަށް ހިސާން


ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

ޖޭއެސްސީގެ މެބްރުކަމަށް ހިސާންގެ ނަން ހުށައެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ އެ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރެއް ފާސްކުރުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައެޅި މެމްބަރެއްގެ ގޮތުގައި މި ނިިމިދިޔަ ރައްޔިތުން މަޖިލީހުން އައްޔަންކުރައްވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވި ހިސާންއަކީ ސިޔާސީ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތަކުގައި އެ ބޭފުޅުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހިމާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދުގައި ދިފާއުގައި ކޯޓްގައި ވަކާލާތުކުރައްވާފައިވެއެވެ.