ޚަބަރު

ޙައްޖަށް ދާން ފައިސާ ނަގަން ފަންޑުގައި 336000 ރުފިޔާ ހުންނަން ޖެހޭނެ


ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި 336000 ( ތިންލައްކަ ތިރީސް ހަ ހާސް ) ރުފިޔާ ހުންނަ ފަރާތްތަކަށް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ޢެ އޮފީހުންވަނީ ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނެ ޤަވައިދު އެކުލަވާލައި މިއަދު އާއްމުކޮށްފައެވެ.

ޙައްޖަށް ފައިސާ ދުކުރުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައިކަމަށެވެ.

ޙައްޖަށް ފައިސާ ދޫކުރާ އުސޫލުގައިވާގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު
-/2000( ދެހާސް ) ރުފިޔާ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމުގައިވާ -/000,336( ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ، ޙައްޖުވުމަށް ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު، ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ބައިވެރިއަކަށްކަމަށެވެ.

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ އެ އަދަދު ނުހިމަނާ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުންނަން ޖެހޭކަށްވެސް މި ޤަވައިދުގައި ވެއެވެ. ޢަދި ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ޤަވައިދުގައިވެއެވެ.

ޙައްޖަށް ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެ އެވެ.
މި ޤަވައިދަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.