ޚަބަރު

ޕަބްލިކް ސާވިސް މީޑިއާގެ ބިލް ކޮމިޓީން ފާސްކޮށްފި


ރާއްޖޭގައި މިހާރު ހިނގަމުންދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުވާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ އެބިލް ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވީ، ކޮމިޓީ މަރުހަލާގައި މާބޮޑު ބަދަލެއް އައިސްފައި ނުވާނެކަމަށެވެ. ނަމަވެސް ގެނެވުނު ބައެއް ބަދަލުތަކުގެ ތެރޭގައި، ކުންފުނީގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާ އެފަރާތުން އަދާކުރުމުގައި އިހްމާލްވެއްޖެނަމަ، އެފަރާތެއް ވަކިކުރުމުގެ ބާރު ބޯޑަށް ލިބިގެންވާކަމަށް ބިލްގައި ހިމަނާފައި ވީނަމަވެސް، މިހާރު އެބާރު މަޖިލީހަށް ލިބިގެންވާގޮތަށް ބިލްގައި ހިމަނާފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.ސަލީމް ވިދާޅުވީ، ޕަބްލިކް ސާރވިސް މީޑިއާގެ ބިލް ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓް މަޖިލީހުގެ ރައީސްއަށް މިހާރު ފޮނުވާފައިވާނެކަމަށެވެ. އަދި އެބިލްގައި ގާނޫނީ މައްސަލައެއް ނެތްނަމަ އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާކުރެވޭނެކަމަށް ގަބޫލްކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ބިލްގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށް ވުމުން މިހާރު އޮތް އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑު ޤާނޫނީގޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ގަވަނިން ބޯޑު އެކުލަވާލަން ޖެހޭނެކަމަށާއި، އެބޯޑުގައި އިސްކޮށް ތިއްބަވަނީ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންކަމަށެވެ.ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓު އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނައުން ހިމެނެއެވެ.