ޚަބަރު

ޑީ.އެސް.ސީ ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފި


ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ. މިހާރު ކުރިއަށްދާ ރަމަޟާން ވެޓަރަންސް ކަޕްގެ ސެމީފައިނަލުން ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް 2-0 ބަލިކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްޓީމަކަށްވެސް ވަނީ ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފަންސާސް ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ދިވެހި ސިފައިންގެ ކްލަބްގެ އަލީ ޝަމީމެވެ. އަދި އޭގެ 8 މިނެޓު ފަހުން ދިވެހި ސިފައިންގެ ކްލަބަށް މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު އެޓީމަކަށް ޖަހައިދިނީ އަހުމަދު ފަޒާލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބް އަސްއަދު އަބްދުލް ޢަނީ އެވެ. އަދި މެޗުގެ ސާޅީސް ފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ އަޝްރަފް ލުތުފީއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބް ވަނީ ޖުމްލަ ތޭރަ ޕޮއިންޓް ހަމަކޮށްފައެވެ. ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި މާޒިޔާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ލީގުގެ ދެވަނައަށް ދާ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް މުޗުންނެވެ. ދިވެހި ސިފައިންގެ ކްލަބް ސެމީފައިނަލްގައި ވާދަކުރަންޖެހޭނީ އަލަށް ވެޓަރަންސް މުބާރާތުގައި ވާދަކުރަމުންދާ އޭދަފުށީ ވެޓަރަންސް ޓީމާއެވެ.