ޚަބަރު

ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުނުކުރި މައްސަލަ ތަހުޤީޤްކުރަން އަންގައިފި


މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހެދި މުޢައްސަސާތަކާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރަށް ލަފާދެއްވައިފިއެވެ.

ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހެދި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓަރަށް ލަފާ ދީފައިވަނީ، ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ޚާއްސަ ކޮމިޝަނުގެ ރިޕޯޓުގައެވެ.

ޖަލުތައް އޮޑިޓްކުރި ކޮމިޝަންގެ ރިޕޯޓުގައި، ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބަންދުގައި ތިބި 9 މީހަކު މިނިވަންކުރަން އެންގެވިއިރުވެސް އަމުރު ތަންފީޛުކުރުމަށް ފުލުހުންނާއި ކަރެކްޝަނުން ކަނޑައެޅިގެން ހުރަސްއަޅާފައިވާކަމަށް ބުނެފައިވެއެވެ. އަދި މިކަން މިގޮތަށް ހިނގަމުން ދިޔައިރު، ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ، ދަޢުލަތުގެ ބަންޑާރަ ނައިބާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ބުނެފައިވެއެވެ.

މިކަންކަމުގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، ޤާނޫނުއަސާސީއާ ޚިލާފަށް، އަސާސީ ޙައްޤުތައް ހިފަހައްޓާފައިވާކަމަށްވެސް މި ރިޕޯޓުގައިވެއެވެ. އަދި މިކަންތައްތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެއްވެސް އެޗެއް ބުނެފައި ނުވާކަމާއި، އެޗް.އާރު.ސީ.އެމްއަށް ޤާނޫނުން ލިބިދީފައިވާ އެއްވެސް ބާރެއްގެ ބޭނުންކޮށްގެން ޙައްޤުތައް ގެއްލުނު އެއްވެސް މީހެއްގެ ޙައްޤު ހޯދައިދިނުމަށް މަސައްކަތްކޮށްފައި ނުވާކަމަށްވެސް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

އެހެންކަމުން ކޮމިޝަންގެ ރިޕޯޓް ހޯމް މިނިސްޓަރާ ޚިއްސާކުރާތާ 7 ދުވަހުގެ ތެރޭގައި މިމައްސަލަތައް ދަޢުލަތުގެ ކަމާ ގުޅުންހުރި ތަޙްޤީޤީ މުޢައްސަސާތައް މެދުވެރިކޮށް ތަހުޤީޤްކުރުމުގެ މަސައްކަތް ފެއްޓެވުމަށް ކޮމިޝަންގެ ރިޕޯޓުގައި އަންގަވާފައިވެއެވެ.