ސިޔާސީ

އައު މަޖިލިސް ހުވާކުރުމާއި މަޖިލީހުގެ ރައީސް އާއި ނާއިބް ރައީސް ކަނޑައެޅުން މިރޭ


19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރުމާއި މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ޢައްޔަންކުރުން މިރޭ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 9:30ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ. މި ޖަލްސާގެ ރިޔާސަތު އޭނާ ބަލަހައްޓަވާނީ، މިފަހަރު މަޖިލީހަށް އިންތިޚާބުވެޑައިގެންނެވި ބޭފުޅުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޢުމުރުން ދޮށީ މެމްބަރުގެ ހައިސިއްޔަތުންނެވެ.

ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބުނެފައިވަނީ އަލަށް އިންތިޚާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ މެމްބަރެކެވެ. އަދި މެދުނުކެނޑި ޚިދުމަތްކުރައްވާ ޢަދަދު ހަމަވާ ގިނަ މެމްބަރުން ތިބިނަމަ ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން ޢުމުރުން އެންމެދޮށީ މެމްބަރުކަމަށެވެ.

19ވަނަ ރައްޔިތުން މަޖްލީހުގެ 65 ގޮނޑިއާއެކު ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއެވެ. މިއީ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާ ގިނަ ގޮނޑި ހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން އައު މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ކަނޑައަޅާނީ އެމްޑީޕީންކަމަށް އެޕާޓިން ވަނީ ބުނެފައެވެ.

އެގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ އިންތިޚާބީ ޕީޖީ ގްރޫޕުގެ އިއްތިފާޤުން ވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އައްޔަންކުރަން ނިންމަވާފައެވެ. އަދި ނާއިބް ރައީސަކަށް އައްޔަންކުރަން ނިންމާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރުމާއި މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ޢައްޔަންކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މިރޭ ޕީއެސްއެމް ނިއުސްއިން ވަގުތުން ދައްކާނެއެވެ.