ތަޖުރިބާކާރު ގޯލް ކީޕަރު އިމްރާން މުޙައްމަދު ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީއަށް އިމްރާން ސޮއިކުރީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިންމަގެ ސޮއެ ލިބުމާއިއެކު ޓީސީއިން ވަނީ މިދިޔަ އަހަރު އެޓީމްގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ނުގެންނަން ނިންމާފައެވެ.

ފާއިތުވި ސީޒަންގައި އިންމަ ފެނިގެން ގޮސްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އަދި މުސާރައިގެ މައްސަލައިގައި އެފްއޭއެމްއަށް މައްސަލަ ހުށައެޅުމާއެކު ނިއުއިންވަނީ އިމްރާންގެ ކޮޓްރެކްޓް އުވާލާފައެވެ. އަދި ނިއުގެ ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދެވި ކްލަބް ދަރަނިވެ، އެފްއޭއެމުން މިހާރުވަނީ ނިއު ސަސްޕެންޑް ކޮށްފައެވެ. އަދި މިސަސްޕެންޝަން ދަމަހައްޓާފައިވަނީ އެންމެ ފަހުގެ ކޮންގްރެސްގައެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޑްވެ، މިއަހަރުގެ ސީޒަންގައި އެޓީމްއަށް ނުކުޅެވޭ ގޮތަށް ނިމުމުން، އެޓީމް ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގައި އިންމަ ވަނީ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

އެފްއޭއެމުން ފާއިތުވި އަހަރުން ރާއްޖޭގެ ކުލަބުތަށް ޚަރުދަނާ ކުރުމަށް އެކުލަވާލި އުސޫލުތަކުގެ ދަށުން މިސީޒަނަށްފަހު ލީގުގައި އެއްވެސް ކުލަބަކަށް ބިދޭސީ ކީޕަރުންނަކަށް ނުކުޅެވޭނެއެވެ. މިއަހަރުގެ ޓްރާންސްފާގައި އެއްތިރީސް އަހަރުން ދަށުގެ ކޮންމެ ކުޅުންތެރިއަކުވެސް މަދުވެގެން ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއް ހަދަން ޖެހޭ ގޮތަށް އެފްއޭއެމްއިން ވަނީ އަންގާފައެވެ.

އިންމަ ވަނީ ރާއްޖޭގެ ގައުމީ ގޯލް މެދުކެނޑުމެއްނެތި 17 އަހަރު ބަލަހައްޓާފައެވެ. އެއައްފަހު 2016ވަނަ އަހަރު އިންމަ ވަނީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ގައުމީ ޓީމުން ރިޓަޔާވެފައެވެ. ނަމަވެސް ކުލަބު ލެވަލްގައި އަދި އިތުރު ދެއަހަރު ކުޅޭނެކަމަށް މީގެ ކުރިން އިންމަ ވަނީ ބުނެފައެވެ.

ރާއްޖެއިން 2008ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ތަށި އެންމެ ފުރަތަމަ ކާމިޔާބުކުރިއިރު އިންމަގެ ދައުރު ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުގެ ލީގް ޗެމްޕިއަން ޓީސީން އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް އިންމަގެ އިތުރުން، ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި މިދިޔަ ސީޒަންގައި މަޒިޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އިސްމާޢީލް އީސާގެ ސޮއިވެސް ވަނީ ހޯދާފައެވެ.