ޚަބަރު

އިންޑިއާގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންގެ ޙާއްސަ އެކްސްޕޯއެއް މާލޭގައި ބާއްވަނީ


އިންޑިއާގެ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއައިސް މަޢުލޫމާތު ދިނުމަށް ޙާއްސަ އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

"އިންޑިއާ ހެލްތް އެކްސްޕޯ 2019"ގެ ނަމުގައި އަންނަ މަހުގެ 13 އިން 15އަށް ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ އިންޑިއާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ސިއްޙީ ދާއިރާގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވެގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އެކްސްޕޯއެކެވެ. މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތްކަމުގައިވާ މެޑްހޮޕް އިންޑިއާގެ ފަރާތުން މި އިވެންޓު މެނޭޖްކުރުމަށް ހަވާލުކޮށްފައިވަނީ އަސަރީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އިވެންޓާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން، އަސަރީ ސަރވިސަސްއިން ވިދާޅުވީ މި އެކްސްޕޯއަކީ، މެޑިކަލް ޓެރެވަލް ޓޫރިޒަމް ގެ އަމާޒުގައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކުރުމާއި އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖޭގައި ފަރުވާ ދިނުމަށް ހަމަޖެއްސުމުގެ ފުރުޞަތުތާއި ސިއްޙީ ދާއިރާއަށް އިންވެސްޓްކުރުމަށް ހުޅުވުގެންދާނެ ވަރަށް ބޭނުންތެރި ފުރުޞަތެއްކަމަށެވެ. އެގޮތުން މިހާތަނަށް އިންޑިއާގެ 31 ހޮސްޕިޓަލަކާއި ސިއްހީ ޚިދުމަތްދޭ ތަންތަން މި އެކްސްޕޯގައި ބައިވެރިވެފައިވާއިރު، މި އެކްސްޕޯގައި ބައިވެރިވާ 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ބައްދަލުކޮށް ވާހަކަދެއްވުމުގެ ފުރުޞަތުވެސް މިއެކްސްޕޯ ކުރިއަށްދާއިރު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި އެކްސްޕޯގެ ތެރެއިން ސިއްހީ 4 ދާއިރާ އަކަށް އަމާޒުކޮށްގެން އާންމުންނަށް ވަރަށް މުހިންމު ސެމިނާރ ތަކެއްވެސް ދަރުބާރުގޭގައި ކުރިއަށްދާނެކަމަށް އަސަރީ ސަރވިސަސްއިން މަޢުލޫމާތުދެއެވެ. އަދި ރާއްޖެއިން ފަރުވާ ލިބެންނެތް ޚާއްސަ ބަލިތަކާއި ޖެނެޓިކް ބަލިތަކާއި ގުޅޭ ޚާއްސަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިތުރުން އަޔުރްވެދިކް މެޑިސިންއާއި ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުން މި އެކްސްޕޯގެ ތެރެއިން ފެނިގެންދާނެކަމަށް އަސަރީ ސަރވިސަސް އިން މަޢުލޫމާތުދެއްވައެވެ.