ސިޔާސީ

އިންސާނުން ގެންގުޅެން ހެޔޮނުވާ މިންވަރަށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދަށް - އޮޑިޓް ރިޕޯޓް


ރާއްޖޭގެ ޖަލުތަކުގައި ކޮންމެ ޤައިދީއަކަށް ވަކިއުސޫލަކުން ޢަމަލުކުރުމުގެ ސަބަބުން ޖަލުގެ އުސޫލުތައް ގިނަ ބަޔަކަށް އޮޅުންއަރައި ޖަލުގެ ހާލަތު އިންސާނުން ބަންދުކޮށްގެން ގެންގުޅުން އެކަށީގެން ނުވާ ހާލަތަށް ގޮސްފައިވާކަމަށް ހޯމް މިނިސްޓްރީން ހާމަކުރައްވައިފިއެެވެ.

ހޯމް މިނިސްޓްރީން މިއަދު އާންމުކުރި، ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައިނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓަކީ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކޮށް ހޯމް މިނިސްޓަރަށް އަރުވާފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓުގައިވާގޮތުން އެކި ޖަލުތަކަށް އެކި އުސޫލުތަކަކާއި ޤަވާއިދުތައް ހެދުމުގެ ސަބަބުން، ބަންދުކޮށްފައި ތިބޭ މީހުންގެ މެދުގައި ތަފާތުކުރުން އުފެދި، ޖަލުގެ އުސޫލުތައް އޮޅި، މިކަންތައްތައް ސާފުނުވެ އޮތުމުގެ ސަބަބުން އެތައް އަސާސީ އިންސާނީ ޙައްޤަކާއި، މިނިވަންކަމުގެ އަސާސްތަކާ ފުށުއަރާގޮތަށް ކަންތައްތައް ހިނގާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެތައް މައްސަލައަކަށް ޖަލުތަކުގެ ޤައިދީންނާއި ބަންދުމީހުން ހުށަހެޅެމުންދާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ބަދަލުގައި ތަޙްޤީޤަށް ބަންދުކުރެވޭ މީހުންނާއި، ތަޙްޤީޤް ނިމި، ޝަރީއަތް ފެށި، ނުވަތަ ޝަރީއަތް ފެށި، ޙުކުމްކުރުމުގެ މަރުހަލާގައި ތިބި މީހުންނަށާއި، ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށް، އެމީހުންގެ ސަލާމަތީ ގިންތިއަށް ރިޢާޔަތްކޮށް ލުއި ޖަލުތަކަށް ޚާއްސަ ބައިތަކެއް ހިމެނޭ ގޮތަށް ހުރިހައި ޖަލަކުން އެއްގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައި، އެއް އެސް.އޯ.ޕީ އޮތުމަކީ، ޖަލުތަކުގެ ކަންތައްތައް އެއް އުސޫލަކުން ހިންގައި، ޤައިދީންނާއި ބަންދުމީހުންނަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ދެކޭކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި ރިޕޯޓްގައި މާލެ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައިވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. 290 ޞަފްހާގެ މި ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިޞްލާހުކުރުމަށް ހުށައަޅާކަންކަންވެސް ފާހަގަކޮށްފައިވެއެވެ.

މި އޮޑިޓް ރިޕޯޓްގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ރިޕޯރޓް މިހާރު ކަމާ ގުޅުންހުރި އިދާއިރާ ތަކާއި ޙިއްޞާކޮށްފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.