ތަޢުލީމު

10 ސްކޫލެއްގެ ރިޕޯޓު ފޯމް ޑިޖިޓަލްކޮށް ދޭން ނިންމައިފި


ސަރުކާރުގެ 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ފުރަތަމަ ޓާމްގެ ރިޕޯޓް ފޯމް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ "މީމިސް" ބޭނުން ކޮށްގެން ރިޕޯޓްފޯމް ޖެނެރޭޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ދަރިވަރުންނަށް ފުރަތަމަ ޓާމްގެ ރިޕޯޓް ފޯމް ދިނުމަށް ނިންމާފައިވާއިރު މިސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، ދަރިވަރުންގެ ނަތީޖާއާއި އެހެނިހެން މަޢުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮންލައިންކޮށް ސްކޫލުން ރިޕޯޓް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް އެ އިންތިޒާމް ސްކޫލުގައި ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީޏް ވިދާޅުވެއެވެ.

މިއަހަރުގެ ފުރަތަމަ ޓާރމްގެ ރިޕޯޓް ފޯމް ބައެއް ސްކޫލުތަކުން މިހާރު ދޭން ފަށާފައިވާއިރު މި ޓާމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.

މީމިސްއަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރުމަށާއި، ރިޕޯޓް ފޯމު ހެދުމަށް ޚާއްޞަ ކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމް ރަސްމީކޮށް ލޯންޗްކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މީމިސް މެދުވެރިކޮށް ދަރިވަރު ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ އަޚުލާޤާއި، ކިޔެވުމާއި، ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވެމުންދާނެ އެވެ.