ޚަބަރު

ވާރލްޑް ހެލްތު އެސެމްބްލީ ގެ 72 ވަނަ ބައްދަލުވުން ނިންމާލައިފި


ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި ވާރލްޑް ހެލްތު އެސެމްބްލީ ގެ 72 ވަނަ ބައްދަލުވުން ނިންމާލައިފިއެވެ. މި މަހުގެ 20 އިން 28 އަށް ކުރިއަށްގެންދިއަ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ.

ދުނިޔޭގެ 194 ޤައުމެއްގެ ސިއްޙީ ދާއިރާގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ އަމީންވަނީ، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ސިއްޙީ ދާއިރާއިން ދިމާވާ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު ކާރިސާތަކުގެ ދަނޑިވަޅުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައެއް ބައްދަލުވުންތަކުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ވައި ނުސާފުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތަކާގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅުގައި ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު އެކި ކާރިސާތަކުގައި ޞިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ކާރިސާގެ ވަގުތުތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވާރލްޑް ހެލްތު އެސެމްބްލީ"ގައި ރާއްޖެއިންވަނީ، ފަލަސްޠީނުގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ވޯލްޑް ހެލްތް އެސެމްބްލީން ނިންމި ނިންމުމާ އެއްކޮޅަށް ވޯޓް ދީފިއެވެ. މި ނިންމުމާ އެއްކޮޅަށް ރާއްޖެ ހިމެނޭހެން 96 މެމްބަރު ޤައުމަކުން ވޯޓު ދީފައިވެއެވެ. އަދި މި ނިންމުމާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ޤަޢުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އާއި ކެނެޑާއާއި ބްރެޒިލް ހިމެނޭގޮތަށް 11 ޤައުމަކުން ވޯޓުދީފައިވެއެވެ.

މި އެސެމްބްލީގައި ވަނީ އިސްރާއީލުން އަޅުވެތިކޮށްފައިވާ ފަލަސްޠީންގެ ސަރަހައްދުތަކުގެ ސިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއަށް ގޮވާލާ ތައްޔާތުކޮށްފައިވާ ރިޕޯޓްގައިވާ ކަންކަމާމެދުވެސް މަޝްވަރާކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފަލަސްތީނު ސަރަހައްދުތަކުގެ ދިރިއުޅުމުގެ ޙާލަތާއި އޭގެ ސަބަބުން ކުރިމަތިވެފައި ސިއްޚީ މައްސަލަތަކާއި ގުޅޭގޮތުން އަލިއަޅުވާލާފައިވެއެވެ. އަދި ޣާޒާގެ ބޯރޑަރގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުވެފައިވާ ފަލަސްޠީންގެ ރެފިއުޖީންގެ ހާލަތާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ޤައިދީންގެ ހާލަތުވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި މައްސަލަތަކާއި ސިއްޙީ ހާލަތު ރަނގަޅުކުރުމަށް މިހާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި މެމްބަރު ޤައުމުތަކުން ހުށަހަޅާކަންތައްތައް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޓީބީ ފަދަ ބަލިތަށް ނައްތާލުމަށް ރާއްޖެއިން ކުރާ މަސަައްކަތްތައް މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިންވަނީ ސައުދީ އަރަބިއްޔާ، މެލޭޝިއާ، އިޓަލީ، އިންޑިއާ، ޗައިނާ، ތައިލެންޑް، ކިއުބާ ނޭޕާލް އަދި ފިލިޕީންސްގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއްވެސް ކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުންތަކުގެ ތެރެއިން ރާއްޖެއާއި ކިއުބާ ގުޅިގެން ސިއްޙީ ދާއިރާ ތަރައްޤީކުރުމާއި ބެހޭ އެއްބަސްވުމެއްގައިވެސްވަނީ ސޮއިކޮށްފައެވެ.