ޚަބަރު

ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު 60 ހާހަށްވުރެ މައްޗަށް


އިއްޔެގެ ނިޔަލަށް 67393 (ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ނުވަދިހަ އަށް ) މީހުން ފިޠުރު ޒަކާތް ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މީގެ ތެރެއިން 385 މީހުން ޒަކާތް ދައްކާފައިވަނީ ގޮވާމުގެ ބާވަތްތަކުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި އަހަރުގެ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި 3،313،598 ( ތިން މިލިއަން ތިންސަތޭކަ ތޭރަހާސް ފައްސަތޭކަ ނުވަދިހަ އަށް ) ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިދިޔަ އަހަރުގެ ރަމަޞާންމަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ލިބިފައިވަނީ 2،920،808 ( ދެ މިލިއަން ނުވަސަތޭކަ ވިހިހާސް އަށްސަތޭކަ އަށް ރުފިޔާ ކަމަށް ) އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ 924 ކިލޯގެ ތަކެތިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަ ފެށީ ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

އުރީދޫއާއި ދިރާގު ކަސްޓަމަރުންނަށް އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ފިޠުރު ޒަކާތްދެއްކޭނީ ރަމަޟާން މަހުގެ ހަތާވީސްވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފިޠުރު ޒަކާތް ގޮވާމުން ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މިގޮތުން
ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 3 ވަނަ ދުވަހަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.