ޚަބަރު

އީދު ނަމާދު ބޮޑު ޖަމާއަތް މާލެ ހުޅުމާލެ އަދި ވިލިމާލޭގައި


މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މާލެ ސިޓީގެ ތިން ސަރަހައްދެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކުގައިވެސް ނަމާދުކުރާ މާފަންނު ސްޓޭޑިއަމްގައެވެ. އަދި ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރ ކައިރީގައި އޮންނަ ހުސްބިމާއި ވިލިމާލޭ ބޯޅަ ދަނޑުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު ބޮޑުޖަމާއަތުގައި ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ހަމަޖައްސާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ނަމާދުކުރާ ސަރަހައްދުގައި ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގައި ކެޑޭޓުންނާއި، ސްކައުޓުންނާއި، ގާރލްގައިޑުން އަދި އަމިއްލަ ޖަމިއްޔާތަކުންވެސް ޙަރަކާތްތެރިވާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްއެވެ.

ޢީދު ނަމާދު ވަގުތު މޫސުން ގޯސްވެއްޖެނަމަ މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި، ހުޅުމާލެ އަދި ވިލިނގިލީގެ ބޮޑެތި މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަހަރުގެ ކަލަންޑަރުގައި ވާގޮތުގެ މަތިން ފިޠުރު ޢީދު ދުވަހަކީ އަންނަމަހުގެ ހަތަރުވަނަ ދުވަހެވެ.

ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ފިތުރު ޢީދާއި އަޟްހާ ޢީދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ. މުސްލިމުން ފިޠުރުޢީދު ފާހަގަކުރަނީ އެންމެހައި މުސްލިމުންގެ މައްޗަށް މާތްﷲ ފަރުޟުކުރެއްވި، ރޯދަ ރަމަޟާންމަހުގައި ހިފައި ނިމުމަށްފަހު އެކަމުގެ އުފަލުގައެވެ.