ސިޔާސީ

ހުކުމްކުރިތާ 3 މަސްފަހުން ޕީޕީއެމުން މޯލްޑިވިއަނަށް ފައިސާ ދައްކައިފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ޤައުމީ އެއާލައިން މޯލްޑިވިއަނުން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8 އަށެއް މިލިއަން ރުފިޔާ ދައްކައިފިއެވެ. ޕީޕީއެމުން މި ފައިސާ ދައްކާ ހަލާސްކޮށްފައި މިވަނީ އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކުރިތާ 3 މަސްދުވަސްފަހުންނެވެ.

ޕީޕީއެމުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކުރި ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މީގެ ކުރިން ވަނީ ދައްކާފައެވެ. ޕީޕީއެމުން އެ ފައިސާ ދައްކާފައިވަނީ އެޕާޓީން މޯލްޑިވިއަނަށް ފައިސާ ދައްކަންޖެހޭކަން މީޑިއާގައި ހާމަވުމުންނެވެ.

މި ފައިސާ ދައްކާފައި ނުވުމުން ޕީޕީއެމްއާއި ދެކޮޅަށް މޯލްޑިވިއަނުން ވަނީ ދައުވާކޮށްފައެވެ. އަދި އެ މައްސަލަ ނިންމާ އެ ފައިސާ ފަނަރަދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލްކޯޓުން ހުކުމްކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަދުވަހުއެވެ. އެންގިފައިވާ ގޮތުގައި ޕީޕީއެމުން މޯލްޑިވިއަނަށް ފައިސާ ދައްކާފައި މިވަނީ ކޯޓްގެ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިގެން ތަންފީޒީ މަރުހަލާ ފަށާ ޕީޕީއެމްގެ އެކައުންޓްތައް ފްރީޒުކުރަން ފޮނުވާފައި ވަނިކޮށެވެ.

މޯލްޑިވިއަނަށް ޕީޕީއެމުން ނުދައްކާ ބާކީ އޮތް 3.8 މިލިއަން ރުފިޔާ އިއްޔެ ދައްކާފައިވަނީ ޗެކަކުން ނެވެ.

ޕީޕީއެމުން ބުނީ އެޕާޓީން ބައެއް ފަރާތަކަށް ދައްކަންޖެހޭ ފައިސާތައް ނުދެއްކި ހުރީ ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް ހުރުމުންނެވެ. މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ލިބެންޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހުރި 8.6 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ އެޕާޓީއަށް ދޫކޮށްފައެވެ.

ޕީޕީއެމުން މޯލްޑިވިއަންއަށް ދައްކަންޖެހޭ ހަތަރެއް ޕޮއިންޓު އަށެއް މިލިއަން ރުފިޔާ އަކީ އަސްލު ސައިޒް ދައްކަންކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕޭނުގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި މީހުންއުފުލަން ކުރި ޚަރަދެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 10000 މެމްބަރުން ހަމަވި ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް އިލެކްޝަންސް އިން ވަނީ ފިނޭންސަށް ފޮނުވާފައެވެ. 38020 މެމްބަރުން ތިބި ޕީޕީއެމަށް މިއަހަރުގެ ބަޖެޓުން 9.3 މިލިއަން ރުފިޔާ ދޫކުރަންޖެހެއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ ޖޫރިމަނާގެ ގޮތުގައި 95000 ރުފިޔާ އުނިކުރުމަށްފަހު 9.2 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ.