ސިޔާސީ

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސަޢުދީއަށް ވަޑައިގަންނަވަނީ


އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް، އޯއައިސީގެ 14 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ސަޢުދިއަރަބިއްޔާގެ މާދަމާ ފުރާވަޑައިގަންނަވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ 14ވަނަ ސަމިޓު އޮންނާނީ ސަޢުދިއަރަބިއްޔާގެ މައްކާގައެވެ. މި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ސަޢުދީ ރަސްގެފާން ރިޠާސަތު ބަލަހައްޓަވާ މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަޤްރީރުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވި. ސަމިޓް އޮންނާނީ އަންނަ ހުކުރުދުވަހެވެ. މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އޯއައިސީ ސަމިޓްގެ ކުރިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސަޢުދީ އަރަބިއްޔާގެ މައްކާއަށް މިއަދުވަނީ ފުރާވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އޯއައިސީގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އޯއައިސީ މެންބަރު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޢަބްދުލްޤަފޫރު މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން ވަނީ ސަމިޓަށް ހުށަހަޅާ ދެލިކޮޕީތަކުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި. އޭގެތެރޭގައި މައްކާ ޑެކްލެރޭޝަންއާއި، ފަލަސްޠީނުގެ ޤުދުސް މައްސަލައައާއި ގުޅޭގޮތުން އެކުލަވާލާފައިވާ ދެލިކޮޕީ ހިމެނޭކަން ކަމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފޮރިން މިނިސްޓަރުންގެ ކައުންސިލް އެޖެންޑާގެ މަސައްކަތްތައް ރާވަންވީ ގޮތާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ 14ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި އޯއައިސީގެ ޤައުމުތަކުން ނަގާ ސްޓޭންޑާމެދު މަޝްވަރާކޮށް އެމައްސަލަ ޙައްލުކުރުމަށް ކުރެވޭނެކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކާ މެދުވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޤައުމުތަކުގައި ތިބި ބައި މަދު މުސްލިމުންގެ ޖަމާޢަތްތަކަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް އަލިއަޅުވާލައި އެކުލަވާލާ މައްކާ މުޢާހަދާ ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. އަދި އިސްލާމްދީނާއި ގުޅޭގޮތުން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ކުރެވިދާނެކަންކަމަށްވެސް މި ސަމިޓުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.