ސިޔާސީ

އީވާ ޢަބްދުﷲ ތާރީޚުގެ ތެރެއަށް


ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަކަށް އީވާ ޢަބްދުﷲ ޢައްޔަންކުރުމަށް އެމްޑީޕީގެ ނިންމުމާއެކު ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅަކަށް އިވާ ވެގެންދާނެއެވެ. މީގެ ކުރިން 2008 ވަނަ އަހަރު މަޖިލީހުގެ ރިޔާސަތުން އަނީސާ އަޙްމަދު ފެނިވަޑައިގެންފައިވެއެވެ.

ތިންވަނަ ދައުރަކަށް ގަލޮޅު އުތުރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އީވާ ޢަބްދުﷲ މަޖިލީހުގެ ނާއިބު ރައީސަކަށް ޢައްޔަންކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްވީ 64 މެންބަރުންގެ އިއްތިފާޤުންނެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި މަޖިލީހުގެ ނާއިބު ރައީސަކަށް ޢައްޔަނުކުރުމަށް ހުށައަޅުއްވާފައިވަނީވެސް އީވާގެ ނަންފުޅު އެކަންޏެވެ.

މާދަމާރޭ މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާގައި މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސުން ކަނޑައަޅާނެއެވެ. އަދި އެމްޑީޕީން ހުށައަޅާ ދެނަންފުޅުވެސް ފާސްކުރެވޭނެ ފުރިހަމަ އަޣްލަބިއްޔަތު އެމްޑީޕީއަށް ވަނީ ލިބިފައެވެ. އީވާ މީގެކުރިން ވިދާޅުވީ އެމްޑީޕީން ފުރުޞަތު ދެއްވައިފިނަމަ މަޖިލީހުގެ ނައިބުރައީސްކަން ބަލައިގަންނާނެކަމަށެވެ.

އީވާ ޢަބްދުﷲ ސިޔާސީ މަސްރަޙުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ނިޒާމް އުފެދުމާއެކު ސިޔާސީ މަސްރަޙުގައި އެންމެ ދޫހެލޭ ޝަހުއްސިއްޔަތުންގެ ތެރޭގައެވެ. ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަދު އަންހެން ބޭފުޅުގެ ތެރެއިންވެސް އީވާ އަކީ ސިޔާސީ އެކި ރެލީތަކާއި ސިޔާސީ އެއްވުންތަކުގައިވެސް ޢާންމުން ޝަޢުުޤުވެރިކުރުވާ އެންމެ އަޑު ހަރުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެއްވެސްމެއެވެ.

ނިމިދޔަ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަހުސްކުރި ބިލްތަކާއި ޤަރާރުތަކަށްވެސް މަޖިލީހުގައި ބަހުސްކުރައްވާ ސަރުކާރުން ހުށައަޅާ ހުށައެޅުންތަކަށް އެންމެބޮޑަށް ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔައެވެ. އަދި މަޖިލީހުގެ ޤަވާދާއި ޚިލާފަށް އަށާރަވަ މަޖިލިސް ކުރިއަށްގެންދާކަމަށް ވިދާޅުވެ މެންބަރުންގެ އޭރުގެ އިދިކޮޅު މެންބަރުންގެ ފަރާތްޕުޅުން ރިޔާސަތަށް އަމާޒުވި ފާޑުކިއުންތަކުގައިވެސް އެންމެ އިސްކޮށް އުޅުވި ބޭފުޅުންގެ ތެރޭގައި އީވާ ފެނިގެންގޮސްފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި ކުރިން އިންނެވި ޢަބްދުﷲ މަސީހާއި، ނާއިބު ރައީސް މޫސާ މަނިކު މަޖިލިސް ކުރިއަށް ގެންދަވަނީ ޤަވާއިދާއި ޚިލާފަށްކަމަށް ވިދާޅުވެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިން މަޖިލިސް ހަމަމަގަށް އެޅުއްވުމަށް އީވާ މަސައްކަތްކުރެއްވިތަން ފާއިތުވި ދައުރުގެ ޖަލްސާތަކުން ފެނިގެން ގޮސްފައިވެއެވެ. އަށާރަވަނަ މަޖިލީހުގެ ރިޔާސަތައް މާމިގިލީ ދާއިރާގެ މެންބަރު އަދި މި ސަރުކރުގެ ކޯލިޝަންގެ އެއް ބައިވެރިޔާ ޤާސިމް އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ކުރިއަށް ދިޔަ ޖަލްސާތަކުގައިވެސް މަޖިލިސް ޤަވާއިދާއި، އުސޫލްތަކާއި އެއްގޮތަށް ޖަލްސާތައް ކުރިއަށްގެންދިއުމަށް އެންމެ ބޮޑަށް ބާރު އަޅުއްވާ ފާޅުގައި ރިޔާސަތަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި މެންބަރެއްގެ ގޮތުގައި އީވާ ފެނިގެން ގޮސްފައިވެއެވެ.