ޚަބަރު

7 ރަށުގައި ފެންބޮޑުވެ، 19 ގެއަކަށް ފެން ވަދެއްޖެ


މެދުކެނޑުމެއްނެތި ވާރޭވެހުމުގެ ސަބަބުން ލ.އިސްދުއާއި، ތއަތޮޅުގެ 6 ރަށެއްގައި ފެން ބޮޑުވެ 19ގެއަކަށް ފެންވަދެއްޖެއެވެ.

ވިއްސާރަގައި ފެން ބޮޑުވެފައިވަނީ ލ.އިސްދުއާއި، ތ.ވޭމަންޑުއާއި، ތިމަރަފުއްޓާއި، ކިނބިދުއާއި، އޮމަދުއާއި، ގުރައިދޫ އަދި ދިޔަމިގިލީގައެވެ. މި ރަށްރަށަށް މިއަދު ހެނދުނުން ފެށިގެން އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މި ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ގޭގެއަށް ފެންވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމާއި، ފެން ހިންދުމަށް ރަށުގެ އެކި ސަރަހައްދުތަކުން ކޯރުކެނޑުމާއި، އެމްއެންޑީއެފްގެ އެހީގައި ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ބައެއް ރަށްތަކުގައި އަންނަނީ ކުރަމުންނެވެ.

ވިއްސާރައިގެ ސަަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ތ.ގުރައިދުއާއި، އޮމަދުއާއި، ލ.އިސްދޫއަށެވެ. ފެންބޮޑުވެ ގުރައިދޫގެ 10 ގެއާއި، އޮމަދޫގެ 7 ގެއާާއި، ލ.އިސްދޫގެ 2 ގެއަކަށްވަނީ ފެންވަދެފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީިގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ ވިދާޅުވީ ރަށްރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އެންޑީއެމްއޭއާއި ކައުންސިލްތައް ގުޅިގެން، ހޯދުމުގެ މަސައްކަތް ކުރަމުންނުން އަންނަކަމަށެވެ.

"މިހާތަނަށް އެއްވެސް ގެއެއްގައި މީހުންނަށް ނޫޅެވޭވަރަށް ގެއްލުންވި ކަމުގެ މަޢޫލޫމާތު ލިބިފައެއްނުވެ. މިވަގުތު މިދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުން. އަދި ކައުންސިލްތަކާއި ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލް ބަލާނަން" އުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރައެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ ބައެއް ރަށްތަކަށް ހުއްޓާ ނުލައި ވާރޭ ވެހޭ ވަގުތު މަދުވިނަމަވެސް ވާރޭ ވެހޭވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭތީ ފެންބޮޑުވާކަން ފާހަގަކުރެވޭކަމަށެވެ.

އެންޑީއެމްއޭގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ފަރޫޝާ ޢަލީ ވިދާޅުވީ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް ކުރިއާލާ އެޅިދާނެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ އިރުޝާދުތަަކަށް ސަމާލުވުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

"ފެން ބޮޑުވެދާނެހެން ހީވާނަމަ ވެލިބަސްތާ ޖެހުން އަވަސްކުރަންޖެހޭ. އަދި އަގުބޮޑު މުދާ ފެނުން ގެއްލުން ނުވާގޮތަށް މައްޗައް އުފުލާލުމާއި، ހޮނުންފަދަ ކަމަކުން ރައްކާތެރިވުމަށް، ބޭނުންނުކުރާ ވަގުރު ކަރަންޓު ސާމާާނު ނިއްވާލާފައި ބެހެއްޓުމަށް ސަމާލްކަން ދޭންޖެހޭ" ފަރޫޝާ ވިދާޅުވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން މިހާރުވެސްވަނީ ބައެއް ސަރަހައްދުތަކަށް ޔެލޯ އެއަރޓް ނެރެފައެވެ. އެގޮތުން ކ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ހަވީރު 4 އިން ފެށިގެން ރޭގަނޑު 7 އަށް ގުގުރުމާއިއެކު ބޯކޮށް ވާރެވެހޭނެކަަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ އިދާރާއިން ވަނީ މިރޭ 9:00 އާ ހަމައަށް ތ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ވައިޓް އެއަރޓްވެސް ނެރެފައިވެއެވެ. އަދި ވިލާގަނޑުގައި ކަނޑު ގަދަވާނެތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.