ޚަބަރު

ޕީއެސްއެމްއިން މިފަހަރު ގެނެސްދެނީ މާސްޓަރ ޝެފް


ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ހޯދައިދީ، އެކި ދާއިރާތަކުން ޒުވާނުން ކުރިއެރުވުމަށް ޕަބްލިކް ސަރވިސް މީޑިއާއިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއަދާއި ހަމައަށްވެސް އެކި ޕްރޮގްރާމްގެ ޒަރިއްޔާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ގިނަ ޒުވާނުންތަކަކަށް ފަހި ފުރުސަތުތަކެއް ޕީއެސްއެމްއިން ވަނީ ހޯދާދީފައެވެ.

މޯލްޑިވިއަން އައިޑަލް ފަދަ ފްރެންޗައިޒްތައް މެދުވެރިކޮށް ގިނަ ޒުވާނުންތަކަކަށް ވަނީ ރަނގަޅު ފުރުޞަތުތަކެއް ހޯދައިދީފައެވެ. ޕީއެސްއެމްއިން އަންނަނީ އަނެއްކާވެސް މިފަދަ ފްރެންޗައިޒް ޝޯވއެއް ގެންނަން މަސައްކަތްކުރަމުންނެވެ. އެގޮތުން މިފަހަރު ޕީއެސްއެމްއިން ގެންނަން މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ފްރެންޗައިޒް ޓީވީ ޝޯވ، މާސްޓަރ ޝެފްއެވެ.

މާސްޓަރ ޝެފަކީ ފްރެންކް ރޮޑަމް ކިޔާ މީހަކު ތަޢާރަފްކުރި ކެއްކުމުގެ ޓީވީ ޝޯއެކެވެ. އެމެރިކާގައި ބޭއްވި މާސްޓަރ ޝެފްގެ ފުރަތަމަ ޝޯވ ދައްކާފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެފަހަރު މި ޝޯވ ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 14 މީހަކު ވަނީ ބައިވެރިވެފައެވެ. އޭގެފަހުން މިއަދާއި ހަމައަށް މާސްޓަރ ޝެފްގެ 9 ސީޒަނެއް ވަނީ ބާއްވާފައެވެ. އަދި މިއީ މިހާރު ދުނިޔޭގައި ބާއްވާ އެންމެ ކާމިޔާބު ކެއްކުމުގެ ޝޯވ އަށް ވަނީ ވެފައެވެ.

ޕީއެސްއެމްއިން މިހާރު ވަނީ މާސްޓަރ ޝެފްގެ ޕްރެންޗައިޒް ފޯމެޓް ގަނެ، މި ޝޯވ ދިވެހިންނާއި ހިސާބަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ކެއްކުމުގެ މިފަދަ ޕްރެންޗައިޒް ޝޯވއެއް ރާއްޖެ ގެނައުމުގެ ބޭނުމަކީ ޕީއެސްއެމްއިން އެންމެ ފުރަތަމަ ރާއްޖެ ގެނައި ޕްރެންޗައިޒް ޝޯވް މޯލްޑިވިއަން އައިޑަލްގެ ކާމިޔާބީއަށް ބެލުމަށްފަހުގައި އިތުރު ދާއިރާއަކުން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާއަތަށް މިއަދު ފަތުރުވެރިކަން ވެފައިވާއިރު، ހޮޓެލް އިންޑަސްޓްރީއަކީ މިއަދު ރާއްޖޭގައި ފުޅާވަމުން އަންނަ ސިނާއަތެކެވެ. ނަމަވެސް ރިސޯޓްތަކުގެ ކައްކާއިންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އަދިވެސް ނިސްބަތުން ވަރަށް މަދެވެ. މާސްޓަރ ޝެފް ފަދަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ދިވެހިންނާއި ހަމައަށް ގެނެސްދޭން ޕީއެސްއެމްއިން ނިންމި އެއް ބޭނުމަކީ މިއީއެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުވުމާއި މިކަމަށް ދިވެހިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މިއީވެސް މުސްތަޤްބަލް އޮތް ރަނގަޅު އާމްދަނީއެއް ލިބޭނެ އަދި ކެރިއަރެއް ބިނާކުރެވޭނެ ސިނާއަތެއްކަން ދިވެހި ޒުވާނުންނަށް ބުނެދިނުމެވެ. މީގެ އިތުރުން މި ދާއިރާއަކީ ވަކި ޖިންސަކަށް ޙާއްސަ ދާއިރާއެއް ނޫންކަން އާންމުންނަށް އަންގައިދިނުމަކީވެސް ޝޯވ ބޭއްވުމުގެ މަޤްސަދެކެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 3 ސީޒަން ޕީއެސްއެމްއިން ގެނެސްދީފައިވާއިރު އައިޑަލް ޓީމްގައި ހަރަކާތްތެރިވި ޕީއެސްއެމްގެ މުވައްޒަފުންނަށް ވަނީ ތަފާތު ގިނަ ކަންތައްތަކެއް ދަސްވެ، އައު ތަޖުރިބާތަކެއް ކުރެވިފައެވެ. އެހެންކަމުން މާސްޓަރ ޝެފް ފަދަ ބޮޑު ޝޯވއެއް ގެނައުމުގެ އަނެއް ބޭނުމަކީ މިއީއެވެ. ޕީއެސްއެމްގެ މުވައްޒަފުންނާއި ޓީމަށް ދުނިޔޭގެ ފެންވަރުގެ މިކަހަލަ ބޮޑު ޕްރެންޗައިޒް ޝޯވ އެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި ޝޯވްގެ ތެރެއިން ސިއްހަތަށް ފައިދާހުރި ކެއުމުގެ ބާވަތްތައް ބޭނުންކުރުމަށް ބާރުއަޅައި އެނާޖީ ޑްރިންސްއާއި ދުރުވުމަށް ހިތްވަރު ދޭނެއެވެ. އަދި ދިވެހި ކެއުންތަކާއި ދިވެހި ރަހަތައް ޕްރޮމޯޓްކުރުމަކީވެސް މި ޝޯވ ރާއްޖެއަށް ގެނައުމުގެ ބޭނުމެއްކަމަށް ޕީއެސްއެމްއިން ބުނެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން މާސްޓަރ ޝެފް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު ޝޯވ ސްޕޮންސަރކުރުމުގެ ފުރުސަތު ޕީއެސްއެމްއިން މިހާރު ވަނީ ހުޅުވާލާފައެވެ. ޝޯވ ގެ ޓައިޓަލް ސްޕޮންސަރ، މެއިން ސްޕޮންސަރ އަދި ކޯ-ސްޕޮންސަރުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އަންނަ އަހަރުގެ އޭޕްރީލްމަހު މިޝޯވ ބޭއްވުމަށް ޕީއެސްއެމްއިން ދަނީ މަސައްކަތްކުރަމުންނެވެ.