ޚަބަރު

ވިހެއުމުން ޗުއްޓީގައި ތިބޭ މުވައްޒަފުންގެ ބަދަލުގައި ވަގުތީ މުވައްޒަފުން ނަގާ އުސޫލަށް އަމަލުކުރަންފަށައިފި


ސިވިލް ސާރވިސް މުވައްޒަފުން ވިހެއުމުން ދޭ ޗުއްޓީގެ މުއްދަތުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުން ނެގުމާ ގުޅޭ އުސޫލަށް ޢަމަލުކުރަން ފަށައިފިއެވެ.

"ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުޞޫލުގައި" ބަޔާންކޮށްފައިވަނީ ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން މުވައްޒަފަކަށް ދޭ ޗުއްޓީގެ މުއްދަތުގައި އެމުވައްޒަފުގެ ބަދަލުގައި އެވަޒީފާއަކަށް ހަމަޖައްސާ ވަގުތީ މުވައްޒަފުންގެ ރެކޯޑްތައް ސީ.އެސް ވިއުގައިން ބަލަހައްޓާނެކަމަށެވެ.

މި އުސޫލުގައި ބުނެފައިވަނީ، މުވައްޒަފު ބަލިވެ އިނދެ 16 ހަފްތާ ވުމުން، އެ މުވައްޒަފު ވިހާނެ ކަމަށް ލަފާކުރާ ތާރީޚް ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމެއް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބަޔަށް ހުށަހަޅަންވާނެކަމަށެވެ. އަދި ބަލިވެ އިނުމާއި ވިހެއުމާގުޅިގެން މުވައްޒަފަށް ލިބޭ ޗުއްޓީ ފަށާނެ ކަމަށް ލަފާކުރާ ތާރީޚުގެ ކުރިން "ވަރކް ހޭންޑް އޯވަރ ފޯމް" ފުރިހަމަކޮށް، އެ މުވައްޒަފުގެ ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ކަނޑައަޅާ ފަރާތަކާ މަސައްކަތްތައް ހަވާލު ކުރަން ވާނެކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ތާރީޚް ބަޔާންކޮށް، އިދާރާއަށް ލިޔުން ހުށަހަޅުމާއެކު، އެމުވައްޒަފު ވިހެއުމުގެ ޗުއްޓީގައި ހުންނަ މުއްދަތުގައި، އެ މުވައްޒަފުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތް ދުރާލާ ރާވަން ވާނެކަމަށާ، އެނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް، މުވައްޒަފު ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތުގައި، އެ މުވައްޒަފުގެ މަސައްކަތްތައް ކުރުމަށް އިތުރު މުވައްޒަފަކު ބޭނުންވާނަމަ، އެ މުވައްޒަފު ވިހާނެކަމަށް ލަފާކުރާ ތާރީޚުގެކުރިން، އިތުރު މުވައްޒަފެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެކަމަށްވެސް ބުނެފައިވެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ވިހެއުމާއި ގުޅިގެން މައިންނަށް 6 މަސްދުވަސް އަދި ބަފައިންނަށް 1 މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތަށް ސަރުކާރުން ހަމަޖެއްސެވީ މާރޗް މަހުގެ 7ވަނަ ދުވަހުއެވެ.

ސިވިލް ސާރވިސްގައި މިވަގުތު މަސައްކަތްކުރަމުން ދަނީ ދިހަ ހާސް އަށް ސަތޭކަ އެގާރަ ފިރިހެން މުވައްޒަފުންނާއި، ތޭރަ ހާސް ހަތް ސަތޭކަ ފަސް އަންހެން މުވައްޒަފުންނެވެ.