ޚަބަރު

ބީއެމްއެލް އިސްލާމިކް ފައިނޭންސްގެ ދެ ޕްރޮޑަކްޓެއް ތަޢާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރު ކުރުމުގެ ގޮތުން، ބީއެމްއެލް އިސްލާމިކް ގޮފިން ދެ ޕްރޮޑަކްޓް އެއް ތަޢާރަފް ކޮށްފިއެވެ.

މިއަދު ތަޢާރަފް ކުރެވުނު މި ދެ ޕްރޮޑަކްޓަކީ ރީޓެއިލަރސް ފައިނޭންސިންގ އާއި ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގއެވެ. މީގެ އިތުރުން ބީއެމްއެލްއިން ވަނީ ލެޓާރ އޮފް ކްރެޑިޓް އާދި ބޭންކްގެ ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައިއެވެ.

މި ގެނެވުނު ބަދަލާއިއެކު ބޭނުންކުންދޭ ކޮންވެންޝަނަލްގެ ކޮންމެ ޚިދުމަތެއް ބީއެމްއެލްގެ އިސްލާމީ ގޮފިން ލިބޭނެ ކަމަށް ބީ.އެމް.އެލް ގެ ޑެޕިޔުޓީ ސީ.އީ.އޯ އަދި ޑިރެކްޓާރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބީއެމްއެލް އިސްލާމިކް ގޮފީގެ ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނި އިސްލާމިކް ބޭންކިންގ އާއި ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާ ކޮށް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ރީޓެއިލާރސް ފައިނޭންސިން އަށް ބަލާއިރު މިއީ ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވްރެޖް ކޮށް 50000 ރުފިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ ޕްރޮޑަކްޓެކެވެ. މި ޕުރޮޑަކްޓްގައި އެއްވެސް ރަހުނަކާއި ނުލާއި ފަސްލައްކަ ރުފިޔާ ފައިނޭންސިންގ އަށް ދޫ ކުރާނެއެވެ. އަދި އަނބުރާ ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު، ވަކާލާތުގެ މައްޗަށް ބިނާކުރެވޭ ބާރަ މަސްދުވަހުގެ އޯވާރޑުރާފްޓެއްވެސް ލިބޭނެއެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވަލޮޕްމެންޓް ފައިނޭންސް އަކީ ރަހުނު ބެހެއްޓުމުގައި ލުއި ގޮތްތަކެއް ހިމެނިގެން ވިޔަފާރި ފުޅާ ކުރުމަށާއި، ވިޔަފާރި ހިންގުމުގެ އިތުރުން، ވިޔަފާރި ހިންގުމަށް ބޭނުންވާ މުދާ ގަނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެދި ހުށަހަޅާއި ފައިނޭންސިންގ އެކެވެ. ބީއެމްއެލްގެ ގެރެންޓީ ސްކީމްގެ ދަށުން މި ޚިދުމަތް ހޯދުމަށް ހުށަހެޅޭނެކަމަށް ދިވެހި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތުދޭއެވެ.