ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި މާލޭސިޓީން އެކަނިވެސް 2.3 މިލިއަނަށް ވުރެގިނަ ރުފިޔާ ލިބިއްޖެ


ފިތުރު ޒަކާތުގެ ގޮތުގައި މާލޭ ސިޓީން އެކަނިވެސް 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި މާލޭސިޓީން 2،397،888 ރުފިޔާ ލިބިފައިވާކަމަށެވެ.

މިމަހުގެ ހަތަކުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާއި ހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން އިސްލާމީ މަރުކަޒުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންވެސް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ.

މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:

- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
- ރަތް ހަނޑުލުންނަމަ 75 ރުފިޔާ
- އާދައިގެ ފުށުންނަމަ 15 ރުފިޔާ
- އާޓާ ފުށުންނަމަ 60 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީޚަކީ އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހެވެ.