ޚަބަރު

އިސްލާމީ ޔުނިވަރސިޓީން 55 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިއަހަރުގެ ޖުލައިމަހުގެ ހިންގުމަށް ހަމަޖެހިފައިވާ 55 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިއަހަރުގެ ޖުލައި ސެމިސްޓަރއަށް އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޕީ.އެޗް.ޑީ ލެވެލްގެ 2 ކޯހަކާއި، މާސްޓަރސް ލެވެލްގެ 11 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހެއް ހިމެނެއެވެ. އަދި ބެޗްލަރސް ލެވެލްގެ 9 ކޯހަކާއި، އެސޯސިއޭޓް ޑިގްރީގެ 1 ކޯހެއް އަދި ޑިޕްލޮމާގެ 9 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 20 ކޯހެއް ހިމެނެއެވެ.

މީގެ ތެރޭގައި ހިމެނެނީ އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ފައިނޭންސް، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ލޯކަލް ގަވަރނަންސް އެންޑް އިމާމްޝިޕް، ޖާނަލިޒަމް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތަކެވެ.

އިސްލާމީ ޔުނިވަރސިޓީން ބުނީ އެ ޔުނިވަރސިޓީ އާއި، އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް 100 އިންސައްތަ ޓިއުޝަން ފީ ހިލޭ ކޯސްތަކެއްކަމަށެވެ. ޖުލައި ސެމިސްޓަރގައި އައި.ޔޫ.އެމްގެ ކޯސްތައް މާލޭގެ އިތުރުން، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫގައި ޤާއިމުކޮށްފައިވާ އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައިވެސް ކުރިއަށްދާނެކަމަށް އައި.ޔޫ.އެމްއިން ބުނެއެވެ.

އިސްލާމީ ޔުނިވަރސިޓީން ޖުލައިމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ޖޫންމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.