ޚަބަރު

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ


ރޯދަމަސް ނިމުމާއެކު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ނިންމީ އެތަންތަން މަރާމާތުކުރުމަށްކަމަށެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވަނީ ކުރީގެ ވެސްޓް ޕާކް ހުރި ސަރަޙައްދުގައި ހަދާފައިވާ 45 ގޮޅީގެ ޖާގައިގެ މާރުކޭޓަށްކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެއޮތީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައި. އެހެންވީމަ އެތަންތަން މަރާމާތުކޮށްގެން ނޫނީ އެތަންތަން އިޢުލާނަކަށް ދެވޭކަށް ނެތް. ހުރިހާ ގޮޅިތަކެއް އެހެރީ މުއްދަތް ހަމަވެފައި. ރޯދަމަސް ވީމަ އަޅުގަނޑުމެން މީރާއާއި ވާހަކަދައްކައިގެން އެބޭފުޅުންގެ ފަރާތުން ކުލި ދައްކާގޮތަށް ނުނެރެ ބައިތިއްބާފައި އެތިބެނީ. އެހެންވީމަ ރޯދަމަސް ނިމުނީމަ ގޮޅިތައް އިއުލާންކުރާނެ. އެހެންކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން ވެސްޓް ޕާކުގައި ހެދި މާރުކޭޓް ވަގުތީ ގޮތުން ލޯކަލް މާރުކޭޓުގެ ގޮތުގައި މަރާމާތު ކުރެވެންދެން ބޭނުންކުރެވޭނެ. " ޒަމީރު ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުވެސް ތަރައްޤީކުރުމަށް ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރޯދަމަސް ނިމުމާއެކު ފެންވަރު ރަނގަޅު މަސްމާރުކޭޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

"މިހާރުގެ މަސް މާރުކޭޓު އެހެރީ އަޅުގަނޑުމެން ބޭނުންކުރެވޭ ވަރަށް ވުރެ މާބޮޑަށް ހާލު ދެރަވެފައި. އިތުރު ތަނެއް އަޅުގަނޑުމެންގެ ނެތީމަ އެތަން މިހާރުވެސް މި ބޭނުންކުރަނީ. ކުރީ ކައުންސިލުން ވެސް ޕްލޭނެއް ހެދި މިހާރުގެ ވަޅޯ މަސް މާރުކޭޓު އިންނަ ބިމުގައި މަސް މާރުކޭޓެއް ތަރައްޤީކުރުމަށް. އަޅުގަނޑުމެންގެ ވެސް ވިސްނުން އެބަހުރި ތޮށިން ބޭރުގައި ވަޅޯމަސް މާރުކޭޓު އިންނަ ބިމުގައި ޒަމާނީ މަސްމާރުކޭޓެއް އެޅުމުގެ." ޒަމީރު ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓަކީ ގިނަ ފަރާތަކުން އެތަނަކުން ވިޔަފާރިކުރާ ތަންތަނެވެ. ވަކިން ޚާއްސަކޮށް ރޯދަމަހު މިތަންތަނުން ވިޔަފާރިކުރާ މީހުންގެ އަދަދު އިތުރުވެއެވެ. ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކުރުމާއެކު އެކި ކަންކަމުގައި އާންމުންނަށް ލުއި ފަސޭހަވެގެންދޭނެކަމަށް ސިޓީ ކައުންސިލުން ޤަބޫލުކުރެއެވެ.