ސިޔާސީ

ޖޫރިމަނާތައް ކެނޑުމަށްފަހު ޕާޓީތަކަށް ފައިސާ ޖަމާކުރަނީ


ޤާނޫނާއި ހިލާފުވެގެން ކުރި ޖޫރިމަނާތައް ކެނޑުމަށްފަހު ސީޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް އަށް ފޮނުވައިފިއެވެ. މިިދޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބި ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވީ މިދިޔަ ބުރާސްފަތިދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރީ އެޕާޓީތައް ކޮށްފައިވާ ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ކަމަށެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރި އަދަދު

  • އެމްޑީޕީ: 12،809،191.09ރ.
  • ޖުމްހޫރީ ޕާޓީ: 2،059،960.36ރ.
  • ޕީޕީއެމް: 9،377،167.06ރ.
  • އެމްޑީއޭ: 2،031،754.50ރ.



ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް އިސީން ފިނޭންސަށް ފޮނުވާފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

އެންމެ ފަހުން އިލެކްޝަނަސް ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 10000 މެމްބަރުން ހަމަވާނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 54302 މެމްބަރުންނެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ. ތިންވަނައަށް މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދީ 9335އެވެ.