ޚަބަރު

4 މީހެއްގެ ލައިސަންސް ހިފަހައްޓާ ޖެހި ސްޓިކާގެ އަދަދު 700 ވުރެ މަތީގައި


ޤަވައިދާ ހިލާފަށް ޕާކުކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 700 ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހަފްތާއަކު އެއްފަހަރު ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަދުވަހުން ފެށިގެން 24 ވަނަދުވަހުގެ ނިޔަލަށް ޤަވައިދާ ހިލާފަށް ޕާކުކޮށްގެން 702 ސްޓިކަރ ވަނީ ޖަހާފައެވެ. ރޯދަމަހުގެ 2 ވަނަ ހަފްތާގައި މިއަދަދު ހުރީ 814 ގައެވެ.

މިދިޔަ ހަފްތާގެ ޓްރެފިކް ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭ ސަރަހައްދުގައި އެކަނިވެސް 47 އެކްސިޑެންޓް ހިގައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި 06 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 366 ވެހިކަލް ފުލުހުން ބަލާ ޗެކްކޮށްފައިވެއެވެ. ބާރު ސްޕީޑްގައި ދުއްވި 20 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ލައިންސަންސް ނެތި ދުއްވި މީހުންގެ އަދަދު 85 އަކަށް އަރާއިރު މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި 1 މައްސަލައެއްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ޓޯ ކުރި އުޅަނދުތަކުގެ އަދަދަށް ބަލާއިރު 07 ކާރާއި 22 މޮޓޯ ސައިކަލެއްވަނީ ޓޯކޮށްފައިވެއެވެ. މީގެ އިތުރުން ހެލްމެޓް ނާޅާ ދުއްވި 03 މައްސަލައަކާއި ޤަވައިދާ ހިލާފަށް ޓެކްސީކުރި 05 މައްސަލައެއްގެ އިތުރުން އެކްސިޑެންޓް ގެ ސަބަބުން ހަތަރު މީހެއް ލައިސަންސް ހިފަހައްޓާފައިވާކަންވެސް ފުލުހުން ހިސާބުތަކުން ދައްކައެވެ.