ސިއްހަތު

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަނީ


ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކާ އަވަސް ފިޔަވަޅުތަކެއް އަޅާ، މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުން އެއްބަސްވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މެންބަރު ޤައުމުތަކުން މިކަމަށް އެއްބަސްވެފައިވަނީ ސުވިޒަލޭންޑްގެ ޖެނިވާގައި މިހާރު ކުރިއަށްދާ ވާރލްޑް ހެލްތް އެސެމްބްލީގެ 72 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގެ ތެރެއިން މެންބަރު ޤައުމުތަކުން އެއްބަސްވެފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަކުރު ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ބޭނުންވާ ފަރުވާ ހޯދުމާއި، އެފަދަ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކާ ހުރިހާ ޤައުމުތަކެއް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ޞިއްޙީ ދާއިރާއާއި ހުރި ގުޅުމުގެ މައްޗަށް މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކާ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙާއްސަ އެކްޝަން ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. މައިގަނޑު 4 ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ މި އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ކުދި ޖަޒީރާ ޤައުމުތަކާއި، ތަރައްޤީވަމުންދާ ޤައުމުތަކުގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިމަހުގެ 20 އިން 28 އަށް ކުރިއަށްދާ 72 ވަނަ ވާރލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 194 މެންބަރު ޤައުމުން ބައިވެރިވެފައިވާއިރު، މިފަހަރުގެ ބައްދަލުވުމުގައި މެންބަރު ޤައުމުތަކުގެ ފަރާތުން އެންމެ ބޮޑަށް ވަކާލަތުކޮށްފައިވަނީ ޔުނިވަރސަލް ހެލްތް ކަވަރޭޖްގެ މުހިއްމުކަމުގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ދެއްވި ތަޤުރީރުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކާއި، ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިންގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކުރާ ހޭދަ އިތުރުވުމާއެކުވެސް ޔުނިވަރސަލް ހެލްތް ކަވަރޭޖް ކަށަވަރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގެ ކޮމިޓީ ބީ ޗެއަރކޮށްފައިވަނީވެސް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. މި ކޮމެޓީގައި ވަނީ ކުޑަކުދިންނާއި، އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކުގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، އަލްޓަނޭޓިވް މެޑިސިންގެ ދާއިރާއާއި، ކުއްލި ފަރުވާގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.