ޚަބަރު

ވައިކަރަދުއަށް މިއަދު ފެންލިބޭނެ - ކައުންސިލް


ހދ ވައިވަރަދޫ އަށް މިއަދު މެންދުރު ފަހު ބޯފެން ލިބޭނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ވިދާޅުވީ މިއަދު މެންދުރުފަހު 20000 ލިޓަރުގެ ބޯފެން އެރަށަށް ލިބޭނެކަމަށް ފެނަކައިން ބުނެފަވާކަމަށެވެ.

ވައިކަރަދޫގައި ބޯފެން ހުސްވެ ދަތިތަކެއް ދިމާވުމުން ރަށުގެ ބައެއް ރައްޔިތުން ވަނީ ރޭ ރަށު ކައުންސިލް އިދާރާ އާއި އެ ރަށުގައި ހުންނަ ފެނަކައިގެ އިމާރާތް ކައިރިއަށް އެއްވެ، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ގޮވާލާފައެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ވިދާޅުވީ މި ރޯދަ މަސް ފެށުމާއެކު ރަށުން ދޭތެރެދޭތެރެއިން ފެން ހުސްވަމުންދާ ކަމަށާއި ވޭތުވެދިޔަ ފަސް ދުވަހު ރަށުން އެއްގޮތަކަށް ވެސް ފެން ނުލިބޭ ކަމަށެވެ. އެހެންނަމަވެސް މިއަދު މެންދުރުފަހު ފެންލިބުމާއެކު މި މައްސަލަ ހައްލުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ނަސީމް ވިދާޅުވިއެވެ.

ވައިކަރަދޫއަކީ އާބާދީގައި ގާތްގަނޑަކަށް 700 އެއްހާ މީހުން އުޅޭ ރަށެކެވެ.