ވިޔަފާރި

އެނބޫދޫ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ރިސޯޓްތައް ދައްކާލައިފި


އެނބޫދޫ ލެގޫން މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހުޅުވާ އެންމެ ފުރަތަމަ ދެ ރިސޯޓު ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫޢު، އެނބޫދޫ ލެގޫން މަޝްރޫޢުގެ ދަށުން 9 ރިސޯޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން މިހާތަނަށް 2 ރިސޯޓެއްގެ މަސައްކަތް ނިމި އަންނަ ޖޫން އަދި ޖުލައި މަހު މި ދެ ރިސޯޓު ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ.

އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ "ސައި ލޭގޫން މޯލްޑިވްސް" އަދި "ހާޑް ރޮކް މޯލްޑިވްސް" ހުޅުވުމުގެ ކުރިން ރިސޯޓު ހިންގާ ފަރާތުން ވަނީ މީޑިއާތަކަށް ރިސޯޓުގެ އެކި މަންޒަރުތައް ދައްކާލާފައެވެ. ދެ ރިސޯޓު ހިމެނޭގޮތަށް ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ ސަޤާފީ އަދި ތާރީޚީ އެކި ކަންތައްތައް ދައްކުވައިދޭ ކަލްޗަރަލް ސެންޓަރަކާއި ދިރޭތަކެތި އާލާކުރުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މެރިން ބައޮލޮޖިކަލް ސެންޓަރެއް މި ސަރަޙައްދުގައި ޤާއިމްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބެއް ގެނުވާނެކަމަށް ލާފާކޮށްފައިވާ މި މަޝްރޫޢުގެ ފުރަތަމަ 2 ރިސޯޓު ހުޅުވުމުގެ ފަހުގެ ތައްޔާރީތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ހާޑް ރޮކް ހޮޓެލް މޯލްޑިވްސް - މިއުޒިކީ ފުށި

މިއުޒިކާއި މިއުޒިކުގެ އެކި ފަންނުތަކަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް، ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގައެވެ. މި ރިސޯޓުގެ ޚާއްސަކަމަކީ ހުރިހާކަމެއް ވެސް މިއުޒިކާއި ގުޅުވާލާފައިވުމެވެ. އެގޮތުން ރިސޯޓުގެ ސްވިމިންގ ޕޫލްތަކުން މޫދަށް އެރި އޮންނަ މީހަކަށް މިއުޒިކް އަޑުއިވޭހެން ފެނުތެރޭގައި ސްޕީކަރުތައް ހަރުކޮށްފައިވެއެވެ.

ރިސޯޓުގެ އަނެއް ޚާއްސަކަމަކީ އެކި ވައްތަރުގެ ކާނާގެ ބާވަތްތަކަށް ޚާއްސަކޮށްގެން ރިސޯޓުގައި ތަރައްޤީކޮށްފައިވާ ރެސްޓޮރެންޓުތަކެވެ. ރިސޯޓުގައި 3 ރެސްޓޮރެންޓު ހުންނައިރު މީގެ ތެރެއިން ވެސް އެންމެ ޚާއްސަވަނީ "ސެޝަން ރެސްޓޮރެންޓް" އެވެ. މި ރެސްޓޯރެންޓުގެ ޚާއްސަކަމަކީ ވަކި ބާވަތެއްގެ ކެއުމެއް ތައްޔާރުކުރުމަށް ވަކި ޝެފެއް ނުވަތަ "ކައްކާ" އެއް ހުރުމެވެ. އެގޮތުން މަހުގެ ބާވަތްތައް ތައްޔާރުކުރުމަށް ވަކި ޝެފެއް ހުންނައިރު، އެހެނިހެން ބާވަތްތައް ކެއްކުމަށް އެދާއިރާގައި ތަޖުރިބާހުރި ގިނަ ޝެފުން މި ރިސޯޓުގައި ހަރަކާތްތެރިވެއެވެ.

ބައިނަލްއަޤްވާމީ އެކި ޤައުމުތަކުގެ ގިނަ ރަހަތައް މި ރިސޯޓުން ލިބިގެންދާއިރު ރިސޯޓުގެ އެންމެ ޚާއްސަ އެއް ރަހައަކަށް ވާނީ ދިވެހި ރަހަތަށްކަމަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޓޮލްގާ ވިދާޅުވިއެވެ. އެގޮތުން ދިވެހި ކެއުންތަކަށް ޚާއްސަކޮށްގެން ޚާއްސަ ޝެފެއް ހަމަޖައްސާފައި ހުންނާނެކަމަށް ޓޮލްގާ ވިދާޅުވިއެވެ.

" ޤައުމަކަށް ޒިޔާރާތްކުރާއިރު އެންމެ މުހިއްމު އެއްކަމަކަށް ވާނީ އެ ޤައުމުގެ ރަހަތައް އެޤައުމުގެ ސަޤާފަތް ޤައުމަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދައްކާލުން. އެހެންކަމުން އަޅުގަނޑުމެންގެ ސެޝަން ރެސްޓޯރެންޓުން ދިވެހި ހުރިހާ ރަހައެއް މިކޮޅަށް އަންނަ ގެސްޓުންނަށް ރަހަ ބަލާލެވޭނެ. އެކަމަށް ޚާއްސަކޮށްގެން އަޅުގަނޑުމެން ވަކި ޝެފެއް ވެސް ހަމަޖައްސާފައިވާނެ." ހާޑް ރޮކް ހޮޓެލްސް މޯލްޑިވްސްގެ ޖެނަރަލް މެނޭޖަރ ޓޮލްގާ ވިދާޅުވިއެވެ.

ހާޑް ރޮކް ހޮޓެލްސް ރިސޯޓުގައި 178 ކޮޓަރި ހުންނައިރު މި ކޮޓަރިތައް ފަރުމާކޮށްފައިވަނީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ވަރަށް ހިތްފަސޭހަ މާހައުލެއްގައެވެ.

ސައި ލެގޫން މޯލްޑިވްސް ރިސޯޓް

ހާޑް ރޮކް ހޮޓެލް ރިސޯޓާއިއެކު ދެން އެންމެ އަވަހަށް ހުޅުވުމުގެ ތައްޔާރީތައް ވަމުންދަނީ ސައި ލެގޫން މޯލްޑިވްސް، ރިސޯޓެވެ. މިއީ ދުނިޔޭގެ ނަން މަޝްހޫރު ހޮޓެލްސް ޗެއިން، ހިލްޓަން ކަލެކްޝަންގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ސައި ލެގޫން މޯލްޑިވްސްގެ ޖެނަރަލް މެނޭޖަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސްގެ ވައިސް ޕްރެސިޑެންޓް މާޓިން ވިދާޅުވީ މި ރިސޯޓު ވެގެންދާނީ ރާއްޖޭގައި މިހާރު ހުޅުވާފައިވާ ރިސޯޓުތަކާއި އަޅާ ބަލާއިރު ވަރަށް ތަފާތު ރިސޯތަކަށްކަމަށެވެ.

"އަޅުގަނޑު މިހާރުވެސް ރާއްޖޭގެ 60އަކަށްހާ ރިސޯޓަށް ޒިޔާރާތްކޮށްފިން. ނަމަވެސް މި ރިސޯޓުގެ އާރކިޓެކްޗަރއާއި ޑިޒައިން ވަރަށް ތަފާތު އަދި ވަރަށް ފުރިހަމަ. ރިސޯޓުގެ މުޅި ޖުމްލަ ހުރިހާ ކަމެއް ވެސް ފަރުމާކޮށްފައިވަނީ އިންޑިއާ، ސްރީލަންކާ އަދި އެފްރިކާގެ ސަޤާފަތާއި ގުޅުވައިގެން." މާރޓިން ވިދާޅުވިއެވެ.

ސައި ލެގޫން ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. މި ރިސޯޓުގައި މުޅި ޖުމްލަ 198 ކޮޓަރި ހުންނައިރު ކޮންމެ ކޮތަރިއަކަށް ޚާއްސަކޮށްގެން ވަކި ފަރުމާތަކެއް ކުރަހާފައިވެއެވެ. ރިސޯޓުގެ ރެސްޓޮރެންޓުތަކަށް ބަލާލާއިރު މެޑިޓެރޭނިއަން ކުސީންއަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓް ފާހަގަކޮށްލެވެއެވެ. މި ރެސްޓޯރަންޓުން ސީފުޑްގެ އެކި ބާވަތްތައް ލިބިގެންދާނެއެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް

މިއީ ސައިލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލްސް ރިސޯޓު ގުޅުވާލާ ސަރަޙައްދެކެވެ. ކްރޮސްރޯޑްސްގެ މެރީނާ އިން މަތީ ފެންވަރުގެ ރީޓެއިލް ވިޔަފާރިތަކާއި ރެސްޓޯރަންޓުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން އެޑިއުކޭޝަނަލް ހަރަކާތްތަކެއް މިތަނުން ކުރިއަށްދާނެއެވެ. އޭގެތެރޭގައި ދިވެހިންގެ ޘަޤާފަތާއި ތަރިކަ އަދި ކަނޑުއަޑީގެ ދިރުންތައް ދައްކުވައިދޭ "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަކާއި ކަނޑުއަޑީގެ ތަހުލީލުތައްކޮށް ދިރުންތައް އާލާކުރާ "މެރިން ޑިސްކަވަރީ ސެންޓަރ" އެއް މެރީނާގައި އެކުލެވެއެވެ. މީގެ އިތުރުން، ސްކޫބާ ޑައިވިންގ، ސްނޯރކްލިންގ އަދި ކަނޑުގެ އެކި ދިރުންތަކުގެ ނަސަރީ ވޯކްޝޮޕް ފަދަ ހަރަކާތްތައް ވެސް މިތަނުގައި ކުރިއަށްދާނެއެވެ.

ކްރިސްރޯޑްސް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2 ރިސޯޓު މިއަހަރު ހުޅުވާއިރު މި މަޝްރޫޢަށް ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެނބޫދޫ ފަޅުގައި މުޅިއެކު 9 ރިސޯޓު ތަރައްޤީކުރާއިރު މި މަޝްރުޢުގެ އަގު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރައެވެ. މި މަޝްރޫޢު ނިމިގެންދާއިރު އެނބޫދޫ ފަޅުން 3000 އެނދުގެ ޖާގަ އުފެދޭނެކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.