ވިޔަފާރި

1.3 ބިލިއަން ރުފިޔާއަށް ފިނޮޅު މޯލްޑިވްސް ވިއްކާލައިފި


ކޯސްޓްލައިން ގުރޫޕުން ބ. އަތޮޅުގައި ހިންގާ ފިނޮޅު މޯލްޑިވްސް ރިސޯޓް ޖަރުމަންވިލާތުގެ ކުންފުންޏަކަށް ވިއްކާލައިފިއެވެ.

ޖަރުމަންވިލާތުގެ ސީސައިޑް ހޮޓެލްސް އެންޑް ރިސޯޓް ކުންފުންޏަށް ފިނޮޅު މޯލްޑިވްސް ވިއްކާލާފައިވަނީ 90 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާއަށެވެ.

ކޯސްޓްލައިންގެ ފަރާތުން ރިސޯޓް ވިއްކާލުމުގައި ހަރަކާތްތެރިވީ، ރާއްޖޭގެ ރިސޯޓްތައް ވިއްކުމުގައި ހަރަކާތްތެރިވާ މަޝްހޫރު ބްރޯކަރެއްކަމަށްވާ ޖޭ.އެލް.އެލް ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގުރޫޕެވެ. އެކުންފުނިން ބުނީ މިއީ ރާއްޖޭގެ ރިސޯޓެއް އެކުންފުނިން ޔޫރަޕްގެ ކުންފުންޏަކަށް ވިއްކާލި ފުރަތަމަ ފަހަރުކަމަށެވެ. އަދި މިއަހަރު ތެރޭގައި ޔޫރަޕާއި އެމެރިކާ ސަރަޙައްދުގެ ކުންފުނިތަކުން ރާއްޖޭގެ ރިސޯޓްތަކުގައި އިންވެސްޓްކުރާ މިންވަރު އިތުރުވާނޭކަމަށް އެކުންފުނިން ލަފާކުރެއެވެ.

ޖަރުމަންވިލާތުގެ ސީސައިޑް ކުންފުންޏަށް ވިއްކާލި ފިނޮޅު މޯލްޑިވްސްއަކީ 2016 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި ރިސޯޓެކެވެ. ރިސޯޓުގައި ތަފާތު 125 ކޮޓަރި ނުވަތަ ވިލާ ހިމެނެއެވެ. މީގެ އިތުރުން މިރިސޯޓުގައި ހިތްހަމަޖައްސާލަން ހާއްސަ އޭރިއާގައި ފިޓްނެސް ސެންޓަރަކާއި ޔޯގާ ޕެވިލިއަނެއްގެ އިތުރުން އައުޓް ޑޯ ޖިމްއެއް ހުރެ އެވެ. އަދި ވޯޓާ ސްޕޯޓްސް އަދި ޑައިވް ސެންޓަރެއްވެސް ފިނޮޅު ރިސޯޓްގައި ހުރެ އެވެ.

ފިނޮޅު މޯލްޑިވްސްގެ އިތުރުން، ޖޭ.އެލް.އެލް ރިސޯޓުން ވަނީ މިއަހަރު ކުރީކޮޅު ރަންގަލި ރިސޯޓް އެމެރިކާގެ ބްލެކް ސްޓޯން ކުންފުންޏަށް ވިއްކާލުމުގައިވެސް ބްރޯކަރެއްގެ ރޯލު އަދާކޮށްފައެވެ.