ކުޅިވަރު

މިނިވަން 50 ގެ މޫދު ކުޅިވަރުތައް ފެށިއްޖެ


ދިވެހި ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު
ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ މޫދު ކުޅިވަރުގެ ހަރަކާތްތައް ހުކުރު ދުވަހު ހެނދުނު
ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި އަސަރީ ސާވިސެސްއާއި
ގުޅިގެން ކުރިއަށްގެންދިޔަ މޫދު ކުޅިވަރުގެ ހަރަކާތްތައް މާލޭ އުތުރު ފަރާތު ފަޅުތެރޭގަ
އާއި ކަނޑުމަތީގައި މިއަދު ހެނދުނު ފަށާފައިވާއިރު، މި ހަރަކާތްތައް ބައްލަވާލެއްވުމަށް
ހޯމް މިނިސްޓަރ އުމަރު ނަސީރުވެސްވަނީ ވަޑައިގެންފައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މޫދުކުޅިވަރުގެ މިފަދަ
ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަން މިހާ ދުވަހަށް
އޮތުމުގައި ކަނޑުގެ މުހިއްމުކަން ބޮޑުކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި މިހާބޮޑަށް
ގުޅިފައިވާ އެއްޗަކަށް ކަނޑު ވުމާއިއެކު އެކަން ފާހަގަކުރުން ކަމުގައެވެ. އަދި ކަނޑަކީ
ރާއްޖެއަށް އިގްތިޞާދީގޮތުން ނަފާ ހޯދުމާއި، އެހެނިހެން ކަންކަމުގައި މުހިންމު އެއްޗެއްގެ
ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިވަން ފަންސާހާއި ގުޅުވައިގެން މިއަދާ މާދަމާ
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރު ހަރަކާތްތައް އަންނަ އަހަރުވެސް
ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް
ފަންސާސް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް މިގެންދާ ހަރަކާތްތައް ރާއްޖެތެރޭގައިވެސް
ކުލަގަދަކޮށް ވަރަށް އަވަހަށް ފެށޭނެކަމަށާއި، ޖުލައި 26 ހާއި ހަމައަށް ގިނަ ޢަދަދެއްގެ
ހަރަކާތްތަކެއް އެ ވުޒާރާއިން ރާއްވަމުންދާކަމަށެވެ. މިނިވަންކަމަށް ފަންސާސް އަހަރު
ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހު ބޭއްވި ރައިވެރިބޭގެ ފެތުން އަންނަ
އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.











"މޫދު ކުޅިވަރުގެ
ޢީދު"ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތްތަކުގައި ހުކުރު ދުވަހު ހެނދުނު ކުރިއަށް
ގެންގޮސްފައިވަނީ ފެތުމުގެ މުބާރާތާއި ބޮއްކުރާ ރޭހާއި ކަޓަމަރާން ދުއްވުމާއި ފްލައިބޯޑުގެ
ކުޅިވަރުތަކެވެ. ހެނދުނު ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކެޓަމަރާން ދުއްވުމުގެ
މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީވެސް މިނިސްޓަރ އުމަދު ނަސީރުއެވެ. މިއަދު  ހެނދުނު މޫދު ކުޅިވަރުތަކުގެ ހަރަކާތްތައް ފެށިގެން
ދިޔަ ކަމުގައިވިޔަސް މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ޖުމްހޫރީ މައިދާން ކުރިމަތިން
1 ނަމްބަރު ފާލަން ކައިރީގައި މިރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިރޭގެ މި ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލް ޤައްޔޫމްއެވެ.