އިންޑިއާގެ ޢާންމު އިންތިޚާބު ކާމިޔާބުކުރައްވާ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މި ސަރަޙައްދުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މޯދީގެ މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ ދިވެހިރާއްޖެކަމަށްވެސް މަޢޫލޫމާތުލިބެއެވެ.
އަންނަ މަހުގެ ކުރީކޮޅު ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަންނަވާ ތާރީޚެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ 7 އިން 8 އަށެވެ. މި ސަރަޙައްދުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މޯދީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރަށް މޯދީ އިންތިޚާބުވެ ވަޑައިގަތުމަށްފަހުވެސް މި ސަރަޙައްދުގެ ޤައުމުތަކަށް ދަތުރުފުޅެއް ކުރެއްވިއެވެ. ނަމަވެސް އެފަހަރު ރާއްޖެއަށް ވަައިގެންފައެއްނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއާއި އިންޑިއާގެ ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގެންފައިވާއިރު ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކެއް ޤާއިމްކޮށް، ރާއްޖޭގެ ބަޖެޓް ސަޕޯޓާއި ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އިންޑިއާއިން އެހީދިނުމަށް އެއްބަސްވެފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާކަން ރަސްމީކޮށް އެނގިވަޑައިގެންފައިނުވާކަމަށެވެ.
އިންޑިއާގެ ޢާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މޯދީއަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެ އާއެކު އޮތް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވިކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
މޯދީ ވިދާޅުވީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޭނުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއާ އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެން އިންޑިއާ އާއެކު އޮތް ގުޅުން އަލުން ބަދަހި ކުރުމުގެ މަސައްކަތް ފެއްޓެވިއިރު ރައީސް ޞާލިޙު މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގެންފައިވެއެވެ.