ވިޔަފާރި

ލައިސަންސް ބާޠިލުކުރި ރިސޯޓްތަކަށް އަލުން ލައިސަންސް ދީފި


ޓުއަރިޒަމާބެހޭ ޤާނޫނޫގެ ދަށުން އޮޕަރޭޓިންގ ލައިސަންސް ބާޠިލުކޮށްފައިވާ ރިސޯޓްތަކަށް ޓުއަރިޒަމް މިނިސްޓްރީން އަލުން ލައިސަންސް ދީފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ލައިސަންސް ބާޠިލްކޮށްފައިވާ ރިސޯޓްތަކަށް އަލުން ލައިސަންސް ދިނީ ވަކި ޝަރުރުތަކެއް ކަނޑައެޅުމަށްފަހު، އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި އެރިޒޯޓުތަކުން ސަރުކާރަށް ނުދައްކައި ހުރި ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުން ހިމެނެއެވެ. އަދި މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރަނގަޅު ކުރުންވެސް އެޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ދިވެހި މުވައްޒަފުންގެ ރޭޝިއޯ ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުމާއި، ރިޒޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން އިޞްލާޙުކުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ޤާނޫނާ ޚިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ ރިސޯޓްތަކަށް އަލުން ލައިސަންސް ދީފައިވާއިރު، އެއީ ކޮން ކޮން ރިސޯޓްތަކެއްކަމެއް އަދި ކިތަށް ރިސޯޓްކަމެއް ޓުއަރިޒަމް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.