ކުޅިވަރު

ސާނޯ ހޯދަން ބަޔާނުން މަސައްކަތް ފަށައިފި


ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކުން މެންޗެސްޓަރ ސިޓީގެ ލެރޯއީ ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ޖަރުމަންގެ ފޯވާޑް ހޯދަން ބަޔާނުން މަސައްކަތް ފަށާފައިމިވަނީ ސިޓީ ދޫކޮށްލަން ސާނޭ ތައްޔާރުވަމުންދާކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރަމުންދަނިކޮށެވެ.

ބަޔާން މިޔުނިކްގެ ދެ އެޓޭކަރުންކަމަށްވާ ފްރެންކް ރިބެރީއާއި އާޔެން ރޮބެންވަނީ މި ސީޒަނަށްފަހު ކުލަބު ދޫކޮށްލާފައެވެ. އެ ދެ ކުޅުންތެރިން ނެތްތަން ފޫބައްދަން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ބަޔާނުން ފަށާފައެވެ.

ބަޔާންގެ ރައީސް އުލީ ހުއެނޭސް ބުނީ ސާނޭއަކީ މޮޅު ކުޅުންތެރިއެއްކަމަށާއި، އޭނާ ހޯދަން ބަޔާނުން މަސައްކަތް ނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ސާނޭ ގަތުމަށް މެންޗެސްޓަރ ސިޓީއާއި ކުޅުންތެރިޔާގެ އޭޖެންޓާއި މަޝްވަރާކުރަމުން އަންނަކަމަށް އޭނާ ބުންޏެވެ.

ބަޔާނުން ސާނޭ ހޯދުމަށް ވިއްދާފައިހުރި ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހުރީ ސާނޭ ވިއްކާލަން ބޭނުންވެގެނެއް ނޫނެވެ. ގާޑިއޯލާ ބުނީ ސާނޭއަށް މި ސީޒަންގައި މަދުން ފުރުސަތު ލިބުނީ ބެނާޑޯ ސިލްވާއާއި ރަހީމް ސްޓާލިންގގެ ފޯމު ރަނގަޅުވުމުންކަމަށާއި، އެ މަގާމަށް ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުކަމަށެވެ.

ސާނޭއަކީ ސިޓީއަށް މުހިންމު ކުޅުންތެރިއެއްކަމަށާއި، އަންނަ ސީޒަންގައިވެސް ކުލަބުގައި ސާނޭ ބަހައްޓަން ބޭނުންވާކަމަށް ގާޑިއޯލާ ބުންޏެވެ.