ސިޔާސީ

ރާއްޖެއާ އޮންނަ ގުޅުން ބަދަހިކޮށް ވީހާވެސް ގާތުން މަސައްކަތް ކުރަން ބޭނުން - މޯދީ


ރާއްޖެ އާއެކު އޮތް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވިކަން އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް މިއަދު އިންތިހާބުވެ ވަޑައިގެންނެވި ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މަރުހަބާ ދެންނެވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއެކު އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. މޯދީ ވިދާޅުވީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.

މޯދީގެ ކާމިޔާބީއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ދެންނެވުމުން އެކަމަށް ޝުކުރު އަދާ ކުރައްވާ މޯދީ ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ގުޅުން ބިނާވެފައި އޮތީ ދެ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކަމަށާއި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޚާއްސަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއާ އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެން އިންޑިއާ އާއެކު އޮތް ގުޅުން އަލުން ބަދަހި ކުރުމުގެ މަސައްކަތް ފެއްޓެވިއިރު ރައީސް ޞާލިޙު މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.