ވިޔަފާރި

19 ރަށެއްގެ ޓޫރިސްޓް ބީޗުތަކުގައި 43 ވޯޓަރ ސޭފްޓީބޯޑު ބަހައްޓަނީ!


ރާއްޖޭގެ 19 ރަށެއްގެ ޓޫރިސްޓް ބީޗުތަކުގައި 43 ވޯޓަރ ސޭފްޓީބޯޑު ބެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ ހުޅުމާލޭ ސްވިމިން ޓްރެކް ސަރަޙައްދުގައިވެސް ވޯޓަރ ސޭފްޓީބޯޑު ބަހައްޓާފައެވެ.

މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަލާމަތީ އިރުޝާދުތަކާއި، މޫދަށް އެރި އުޅުމާއި، ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑުތަކުގެ މަޢުލޫމާތު ހިމެނޭ ބޯޑުތައް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ އިޢުލާންކޮށްފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29ވަނަ ދުވަހު، ހެނދުނު އެގާރައިގެ ކުރިން މިނިސްޓްރީއަށް އަށް ގޮސް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންނަ މަހުގެ ނުވައެއްގެ ކުރިން، ޓޫރިޒަމް މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެމިނިސްޓްރީން އެދެއެވެ.

ޓޫރިޒަމް މިނިސްޓްރީންވަނީ މިހާރު ހުޅުމާލޭ ގޮނޑުދޮށް ސަރަޙައްދުގައި ވޯޓަރ ސޭފްޓީ ބޯޓުތައް ބަހައްޓާފައެވެ.
ހުޅުމާލޭ ސްވިމިންގ ޓްރެކް ސަރަޙައްދުގައި ބަހައްޓާފައިވާ ބޯޑުގައި، ހާދިސާއެއް ދިމާވެއްޖެނަމަ ގުޅާނެ ނަމްބަރުތަކާއި، މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭން ވީ ކަންތައްތަކުގެ އިތުރުން މޫދަށް އެރި އުޅުމުގައި ހެނދުން އަޅަންވީ މިންގަނޑުތައް ފަދަ މައުލޫމާތުތައް ހިމެނެއެވެ.

ވޯޓަރ ސޭފްޓީ ބޯޑުތައް ހަރުކުރުމުގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރަށްރަށުގައި ލައިފް ގާޑުންގެ ޙިދުމަތްދޭން ފެށުމަށްވެސް ނިންމާފައެވެ.

އެގޮތުން ލައިފް ގާޑުން ތަމްރީން ކުރުމުގެ މަސައްކަތް ޢީދަށް ފަހު ފެށިގެންދާނެ ކަމަށާއި، މި މަސައްކަތަށް ހޮވާނީ ދިވެހިން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.