ސިޔާސީ

އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް


އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޚިލާފްވާ ފަރާތްތަކަށް ކުރާ ޖޫރިމަނާގެ
އަދަދު ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.



ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެއްގަމު ދަތުރުފަތުރުގެ
ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއްގަމު އުޅަނދު ދައްވުމަށް
ކަނޑައަޅފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ ފަރާތައް ފުރަތަމަފަހަރު
ހިފަހައްޓައިފި ނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް، ދެވަނަ ފަހަރަށް
ހިފަހައްޓައިފިނަމަ ފަނަރަ ސަތޭކަ ރުފިޔާއިން، އަދި
ތިންވަނަ ފަހަރަށް ހިފަހައްޓައިފިނަމަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ.




އަދި ދެ ވަނަ ފަހަރަށްވުރެ އިތުރުވާ
ކޮންމެ ފަހަރަކު، އެފަރާތެއްގެ ލައިސަންސް ތިން މަސް ދުވަހަށް ހިފެހެއްޓޭނެކަމަށްވެސް
ބުނެފައިވެއެވެ. މިހާރު މިގާނުނުގައި ބުނެފައިވާގޮތުން ފުރަތަމަ ފަހަރު
ޖޫރިމަނާކުރެވޭނީ ފަސްސަތޭކަ ރުފިޔާއިން އަދި ދެވަނަ ފަހަރު ހިފަހައްޓައިފިނަމަ
ހަތްސަތޭކަ ފަންސާސް ރުފިޔާއިން ޖޫރިމަނާކުރެއެވެ. ނުރައްކާތެރި ގޮތަށާއި، އަމާންކަން ގެއްލޭގޮތަށާއި، ބިރުވެރިކަން
އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވާނަމަ އެފަރާތެއް ހިފަހައްޓައި ދުއްވި ބަޔަކު
ފުރަތަމަ ފަހަރު ދެހާސް ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށާއި، ދެ ވަނަ ފަހަރު
ތިންހާސް ރުފިޔާ އިން ޖޫރިމަނާކޮށް، އިތުރުވާ ކޮންމެ ފަހަރަކު ހަތަރުހާސް
ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް އެއިސްލާހުގައިވެއެވެ. އަދި އެފަރާތެއްގެ
ލައިސަންސް ތިރީސް ދުވަހަށް ހިފެހެއްޓޭނެކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން
ލައިސެންސް ނުނަގައި އެއްގަމު އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރު
އެފަރާތެއް  އެއްހާސް ރުފިޔާއިން ޖޫރިމަނާ
ކުރެވޭނެކަމަށާއި، ދެ ވަނަ ފަހަރު ފަނަރަ ސަތޭކަ ރުފިޔާއިން، އަދި ތިން ވަނަ
ފަހަރު ދެހާސް ރުފިޔާ އިން ޖޫރިމަނާކޮށް އެއް މަސް ދުވަހަށް އުޅަނދު ހިފެހެއްޓުމަށް
އެބިލްގައި ހިމަނާފައިވެއެވެ. ތިން ވަނަ ފަހަރު ލައިސެންސް ނުނަގައި އުޅަނދެއް
ދުއްވައިފި ނަމަ ޖިނާއި ދައުވާ އުފުލަންޖެހޭނެ ކަމަށާއި، ކުޑަކުއްޖަކު އެއްގަމު
އުޅަނދެއް ދުއްވައިފިނަމަ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރަންޖެހޭނެކަމަށްވެސް
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައިވެއެވެ.



މީގެއިތުރުން މޫސާމަނިކު ހުށައެޅި އެއިސްލަހުގައިވާގޮތުން ރަޖިސްޓްރީނުކުރާ
އުޅަނދާއި، ރަޖިސްޓްރީ ބާތިލްވެފައިވާ އުޅަނދު ދުއްވައިފިނަމަ ހަތް ސަތޭކަ
ފަންސާސް ރުފިޔާއިން ޖޫރިމަނާކޮށް، އެ އުޅަނދުގެ ވެރިފަރާތް ވެސް ހަތްސަތޭކަ ފަންސާސް ރުފިޔާއިން
ޖޫރިމަނާކުރެވޭނެއެވެ. މިހާރު އެގާނޫނުގައި ބުނެފައިވަނީ ރަޖސްތްރީ ނުކުރާ
އުޅަނދެއް ދުއްވަފިނަމަ ފަސްސަތޭކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ. އަދި
މިއިސްލާހުގައިވާގޮތުން ޓްރެފިކް ނިޝާންތަކާއި ޚިލާފްވާ ފަރާތްތަކަށް ކުރާ ޖޫރިމަނާގެ
އަދަދުވެސް ވަނީ ބޮޑުކޮށްފައެވެ. އަދި ރަޖިސްޓްރީ ނަމްބަރު އޮޅުވާލައިގެން، ވަގު ނަމްބަރެއް ޖަހައިގެން
އެއްގަމު އުޅަނދެއް ދުއްވައިފިނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަންވެސް
މޫސާ މަނިކު ހުށައެޅުއްވި އިސްލާހުގައި ހިމަނާފައިވެއެވެ.



މީގެ އިތުރުން އެކްސިޑެންޓަކާއި
ގުޅިގެން މީހެއްގެ ލައިސަންސް ފުލުހުންނަށް ހިފެހެއްޓޭނީ ސާޅީސް އަށް
ގަޑިއިރަށްކަމަށާއި، އެމުއްދަތު އިތުރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންކަމަށް
ބުނެފައިވެއެވެ.



މޫސާ މަނިކު މިޤާނޫނަށް އިސްލާހެއް
ހުށަހެޅިއިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިއާޒް ރަޝީދުވެސް ވަނީ މިޤާނޫނަށް
އިސްލާހެއް ހުށައަޅާފައެވެ. އެއިސްލާހުގައި ވާގޮތުން އެއްގަމު އުޅަނދު ދުއްވުމަށް
ކަނޑައަޅަފއިވާ މަގެއްގައި ދެފުރޮޅުލީ އުޅަނދެއް ދުއްވާނަމަ ހެލްމެޓް އަޅަން ޖެހޭނެއެވެ.