ވިޔަފާރި

މިއަހަރުގެ މިހާތަނަށް 9 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމް ހިންގައިފި


ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަނޑުވެރިކަން ކުރަންވީ ރަނގަޅުގޮތް ބުނެދިނުމަށް ރަށްތަކުގައި ހިންގާ ތަމްރީން ޕްރޮގްރާމުތަކެވެ. މިއަހަރުގެ މިހާތަނަށް 9 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ޓްރެއިނިންގ އެކްސްޓެންޝަން އެޑަބްޓެޑް ރިޝަރޗް ސެކްޝަންގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ، ދަނޑުވެރިކަމުގެ ތަފާތު ޓްރެއިނިންގތައް އެކި ރަށްރަށުގައި އެ މިނިސްޓްރީން ހިންގަމުންދާ ކަމަށެވެ. މި ޓެރެއިނިންގތައް ކުރިއަށްގެންދަނީ އަހަރު ފެށުމުގެ ކުރިން ޓްރެއިނިންގ ބޭނުންވާ ރަށްތައް ބެލުމަށް އިއުލާންކުރުމަށްފަހު އެކަމަށް ޝައުގުވެރިވާ ރަށްތަކުގައިކަމަށެވެ.

އަލީ އާމިރު ވިދާޅުވީ، މިއަހަރު ވަރަށް ގިނަ ރަށްތަކަކުން ޓްރެއިނިންގތައް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރިކަމަށެވެ. ހުށައަޅާފައިވާ ރަށްތަކުގެ ތެރެއިން ވީހާވެސް ގިނަ ރަށްރަށުގައި ތަމްރީން ހިންގޭތޯ ބަލަމުންދާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް 9 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރ. ހުޅުދުއްފާރު، ހއ. މުރައިދޫ، ހދ.ނޭކުރެންދޫ، ހއ. މޮޅަދޫ، ރ. ކިނޮޅަސް، ރ. އިނގުރައިދޫ، ގއ. މާމެންދޫ، ލ. ގަން އަދި ފޮނަދޫގެ އިތުރުން ބ. ކުޑަރިކިލެވެ.

"މިއަހަރު އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ފުދޭވަރަކަށް ގިނަ ރަށްރަށުން އެކަމަށްއެދި ހުށައަޅާފައިއެބަހުރި. ވީހާވެސް ގިނަ ރަށްރަށަކަށް އެޓެންޑް ކުރެވޭތޯ ބަލަމުން މިދަނީ. މިއަހަރުގެ މިހާތަނަށް 9 ރަށެއްގައި އަޅުގަނޑުމެންނަށް ޓްރެއިނިންގ ޕްރޮގުރާމް ހިންގާދެވިއްޖެ. މި 9 ރަށުން 225 ބޭފުޅުން އަޅުގަނޑުމެންނަށް ތަމްރީން ކުރެވިއްޖެ." އަލީ އާމިރު ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގުރާމްތަކުގެ އިތުރުން މިނިސްޓްރީގެ ޕެސްޓް އެންޑް ކޮންޓްރޯލް ޕްރޮގުރާމްތަކުގެ ތެރެއިން އެކި ރަށްރަށުން އަންނަ ރިކުއެސްޓްތަކަށް ބިނާކޮށްވެސް ތަމްރީން ޕްރޮގުރާމްތައް އަންނަނީ ރަށްރަށުގައި ހިންގަމުންނެވެ. އަލީ އާމިރު ވިދާޅުވީ، މިފަދަ ކުރު ތަމްރީން ޕްރޮގުރާމްތައް މިހާރު 20 ރަށެއްގައި ހިންގާފައިވާކަމަށެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮންމެ އަހަރަކު ދިގުމުއްދަތުގެ އިންޓަރންޝިޕް ޕްރޮގުރާމްވެސް އެ މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ. 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގުރާމް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 12 ގައެވެ. އެހެން ޕްރޮގުރާމްތަކާއި މި ޕްރޮގްރާމުގެ ތަފާތަކީ މި ޕްރޮގުރާމްގައި ދަނޑުވެރިކަމުގެ ތަފާތު އެކި ވައްތަރުތައް ބައިވެރިން އަމިއްލައަށް ތަޖްރިބާކުރާތީކަމަށް އަލީ އަމީރު ވިދާޅުވިއެވެ. މި ޕްރޮގުރާމްގައި 6 ރަށަކުން ބައިވެރިން ބައުވެރިވާނެއެވެ.

"މި ޕްރޮގްރާމަށް އަޅުގަނޑުމެން އިޢުލާންކޮށްލައިގެން 9 ރަށަކުން އެޕްލިކޭޝަން ލިބުނު. އެކަމަކު އަޅުގަނޑުމެންނަށް ފުރުސަތު މިދެވެނީ 6 ރަށަކަށް. މި ޕްރޮގުރާމްގެ ތަފާތަކީ ފީލްޑް ލެވެލްގައި އެބޭފުޅުން އަމިއްލައަށް އެބަ ތަޖްރިބާކުރައްވާ ކުކުޅު ގެންގުޅުން، ބަކަރި ގެންގުޅުން، ހައިޑްރޯޕްނިކްސްގެ މަސައްކަތްތައް އަދި ތަފާތު އެކި ކަހަލަ ކްރޮޕްތައް އެކަމުގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއިއެކު." އަލީ އާމިރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ތަމްރީން ޕްރޮގުރާމްތަކަކީ މީގެ އެއްބައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.