ސިޔާސީ

މުލިއާގެ ކައިރީ ގޮވާއެއްޗެއް ބޭއްވި އެކަކުގެ ހުކުމް ދަމަހައްޓައިފި


މުލީއާގެ ކައިރީގައި ގޮވާ އެއްޗެއް ބޭއްވި މައްސަލައިގާ ޖަލަށްލީ މީހުންގެ ތެރެއިން އެކަކުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއިދުކޮށްފިއެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގޭ ކައިރީގައި އޮންނަ ނޫރާނީ ގޯޅީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރިމަތީގައި އެއްޗެއް ބޭއްވި މައްސަލާގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައެވެ. އެ މީހުންނަކީ ހއ. ހޯރަފުށި އާރޯ އަޙުމަދު މަމްދޫހާއި ތ. ތިމަރަފުށި ވިލާ ޒީހާން މުޙައްމަދާއި މ. ހީރޯ މުޙައްމަދު ޢުބައިދު އިބްރާހީމާއި ހ. މިޓާޒް ޠަލްޢަތު މުޙައްމަދެވެ.

އެ މީހުންގެ ތެރެއިން އަޙްމަދު މަމްދޫހްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ކުށުގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ބާކީ ތިބި ތިން މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އުބައިދު އާއި މަމްދޫހް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް، ހައި ކޯޓުން އެ ދެ މީހުން ވަނީ މިނިވަންކޮށްފައެވެ.

މި މައްސަލައިގާ ހިމެނޭ ތަލްއަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް ބޭއްވުމުގައި އޭނާ ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ އެ މައްސަލާގައި ހުށަހަޅާފައިވާއިރު އެކަމުގައި ތަލްއަތު ބައިވެރިވި ކަމަށް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އެގޮތުން އިތުރު މީހަކާއެކު ވެހިކަލްގެ ބެޓެރި މަތީގައި އެއްޗެއް ބޭއްވި މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށާއި އެ ދުވަހު އޭނާ ލައިގެން ހުރި ތަކެތި އޭނާ ދިރިއުޅުނު ގެއިން ފެނުނު ކަމަށް ތަހުގީގުގައި ބައިވެރިވި ފުލުހަކު ހެކިބަސް ދީފައިވާ ކަމަށެވެ.

ހައިކޯޓުން ވިދާޅުވީ އެއީ އަސްލު އައިޑީއެއް ނޫން ކަމަށާއި އެއީ މަޖަލަކަށް ބޭއްވި ފޭކް އެއްޗެއް ކަމަށް މި މައްސަލައިގެ ޝަރީއަތުގައި ބުނެފައި ވިޔަސް، މި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ތައްޔާރުކުރި ރިޕޯޓާއި އެ ރިޕޯޓާއި ގުޅިގެން ހެކިބަސް ދިން ސިފައިންގެ އެކްސްޕާޓުންގެ ހެކިބަހުގައި އެއީ އަސްލު ގޮވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، އެ އައިއީޑީ އަކީ އަސްލު ގޮވާ އެއްޗެއް ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ހައިކޯޓުން ވިދާޅުވިއެވެ.

މި ހުރިހައި ކަމަކަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ތަލްއަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދު ކުރައްވާފައެވެ.