ސިޔާސީ

މޯދީގެ ކާމިޔާބީއަށް ރައީސް މަރުހަބާ ދަންނަވައިފި


އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެޤައުމުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ދަންނަވައިފިއެވެ.

މޯދީއަށް މަރުހަބާ ދަންނަވައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވީތީ މަރުހަބާ ދަންނަވާ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެޤައުމުގެ ރައްޔިތުން ބީޖޭޕީއަށް އިތުބާރު ކުރާކަން ކަމަށެވެ.

މޯދީއަށް މަރުހަބާ ދަންނަވައި ރައީސް ކުރެއްވި ޓްވީޓް

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ބަޔަކަށް މަޖިލީހުގެ 272 ގޮނޑި ބޭނުންވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީން ވަނީ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފައެވެ.

ތަފާތު ހަތް މަރުހަލާތަކަށް ބަހާލައިގެން އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ފެށި އިންތިޚާބު ނިމިފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 8000 ކެނޑިޑޭޓުން ވާދަކުރިއިރު ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ.