ސިޔާސީ

ސިވިލް ކޯޓަށް ދެ ފަނޑިޔާރު ހޯދަނީ


ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިޢުލާނު ކުރައްވައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ބޭނުންފުޅުވާ ފަރާތްތަކުން އަންނަ މަހުގެ 13ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން އެކޮމިޝަނަށް ހުށަހެޅުން އެދިލައްވާ ކަމަށެވެ. ޖޭއެސްސީގެ އިޢުލާނުގައިވާ ގޮތުގައި ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހެއެވެ. ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާއި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުންނަން ޖެހޭނެ ކަމަށްވެސް ޖޭއެސްސީގެ އިޢުލާނުގައިވެއެވެ.

އެ އިޢުލާނުގައި ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ސިވިލް ކޯޓު ފަނޑިޔާރެއްގެ މުސާރައެއްގެ ގޮތުގައި އިޢުލާނުގައި ވަނީ 30،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސެއްގެ ގޮތުގައި 1650 ރުފިޔާ ލިބޭނެ ކަމަށް މި އިޢުލާނުގައިވެއެވެ.