ސިޔާސީ

ދީބާޖާއަށް ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން ދަޢުލަށް ދެ ހަފްތާ ދީފި


ދީބާޖާ އިންވެސްޓުމަންޓަށް ބަދަލުގެ ގޮތުގައި ދަޢުލަތުން ދޭންޖެހޭ ފައިސާ ކަމަށްބުނެ ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާއި މެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް ދަޢުލަތުން މިއަދު އެދިވަޑައިގެންފައެވެ. ދަޢުލަތުން އެގޮތަށް ވިދާޅުވުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލާގައި ދަޢުލަތަށް ދެ ހަފްތާ ދެއްވާފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލާގައި ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ވިދާޅުވީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް އަދި ތައްޔާރު ނުވެވޭ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި އޮންނާނީ ދަޢުލަތުން އިޖްރާޢީ ގޮތުން ފާހަގަކުރެއްވި ނުކުތާތަކަށް ގޮތެއް ނިންމުން ކަމަށް ގަބޫލު ކުރެވުން ކަމަށެވެ. މި މައްސަލާގައި އިޖުރާޢީ ގޮތުން ދަޢުލަތުން ފާހަގަކުރައްވާފައިވާ ކަންކަމަކީ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށެވެ. ދަޢުލަތުން ވިދާޅުވީ އިޖްރާއާތު ގޯސްކޮށް ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. ދަޢުލަތުން ވިދާޅުވީ އިޖުރާޢީ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކަކަށް ޝަރީޢަތުން ގޮތެއް ނިންމުމަށް ބޭނުންވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ގާޒީ ފަހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އޮންނަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމާއި އެކަމުގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ވިދާޅުވީ ދީބާޖާ އިންވެސްޓުމަންޓަށް ބަދަލު ދިނުމަށް ކޮށްފައިވާ ޙުކުމަށް ޢަމަލު ކުރަންޖެހޭނީ ހަމަސް ފަހުން ކަމަށެވެ. އެދުވަހުގެ އަޑުއެހުމުގައި ދަޢުލަތުން ވިދާޅުވީ ދީބާޖާ އިންވެސްޓުމަންޓަށް ބަދަލު ދިނުމަށް 2014ވަނަ ސިވިލް ކޯޓުން ޙުކުމް ކުރިއިރު ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ދަޢުލަތަށް ސިވިލް ކޯޓުން އަންގާފައިވާ ކަމަށެވެ. ދަޢުލަތުން ވިދާޅުވީ ފަހުން އެ މައްސަލަ ހައިކޯޓުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ދީބާޖާއަށް ދޭންޖެހޭ ފައިސާއެއް ކަމަށް މިދިޔަ މަހު ސުޕްރީމްކޯޓުން ކަނޑައެޅިއިރުވެސް އެ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި ނެތް ކަމަށް ދަޢުލަތުން ވިދާޅުވެއެވެ.