ސިޔާސީ

ރައީސަކަށް އެމްޑީޕީން ނެެރޭނެ މެމްބަރެއް ކަނޑައެޅުން އަންނަ ހޯމަދުވަހު


19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޤާމުތަކަށް ހޮވާނެ މެމްބަރުން ކަނޑައަޅާނީ މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައިކަމަށް އެމްޑީޕީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް އަދި އެނޫންވެސް މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރުމަށް ގޮތެއް ނިންމާނީ އަންނަ ހޯމަދުވަހު ބާއްވާ ޕާލިމަންޓްރީ ގްރޫޕްގެ ޖަލްސާގައި ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު އޮންނަ ޖަލްސާއަށް އެމްޑީޕީން މެމްބަރުން ވަޑައިގަންނަވާނީ އެޕާޓީން ކަނޑައަޅާ ވިޕްލައިނާއި އެއްކޮށްކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތަކާއި މެދުވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. ސިއްރު ވޯޓެއް ނަގަންޖެހޭނެކަމަަށް ބައެއް މެމްބަރުން ވިދާޅުވާއިރު އަނެއްބައި މެމްބަރުން ވިދާޅުވަނީ ވޯޓް ސިއްރުކުރަން ނުޖެހޭކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕްގައި ވޯޓް ނަގާނެ ގޮތެއް ނިންމާނީވެސް ޕީޖީ ގްރޫޕްގެ ބައްދަލުވުން އޮންނަ ރޭކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައިސްކަަމުގެ ވާދަވެރިކަން މި ވަނީ ބޮޑުވެފައެވެ. މަޖިލީހުގެ ރައީސްކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ބޭފުޅުންގެ ތެރެއިން ރައީސްކަމަށް އެންމެ ވާދަކުރައްވަނީ އަފީފާއި އަސްލަމްއެވެ.

މި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށޭނެ ބޭފުޅަކީ އަފީފުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރޭ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަސްލަމު ކަމަށެވެ.

މަޖިލިސް ހުވާކުރުމާއި ރައީސަކު ހޮވުމުގެ ޖަލްސާ އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އަދި އެމްޑީޕީން މަޖިލިސްގެ ރައީސަކަށް ގެންނަން ބޭނުންވާ ބޭފުޅެއް ހޮވުމުން އަންނަ ހޯމަ ދުވަހުގެ ރޭ ނިންމަން އެ ޕާޓީންވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އާ މަޖިލީހުގެ 65 ގޮނޑި އާއި އެކު ސުޕަރް މެޖޯރިޓީ އޮތީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ އަތުގައެވެ. މި ސީޔާސީ ޕާޓީތަކުން މަޖލީހުގެ މިހާ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.