ސިޔާސީ

މަނީ ލޯންޑަރިން މައްސަލާގައި އެމްއެމްއޭއާއި ދެކޮޅަށް ދައުވާކުރަން ޕީޖީ އަށް


އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާއިން މަނީލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގިއިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވި މައްސަލަ ތަޙުޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އިތުރު ތަޙުޤީޤެއް ކުރިއަށް ގެންދިއުމަށް ލަފާދީފައިވާކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ޚިޔާނާތުގެ ރިޕޯޓާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި މަރުކަޒީ ބޭނުންކުގެ އިތުރުން އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ލޯނުތަކެއްގެ މައްސަލަވެސް އޭސީސީން ވަނީ ތަޙުޤީޤުކޮށްފައެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަފުޅު ދައްކަވަމުން އެންޓި-ކޮރަޕްޝަންސް ކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީން އެސްއޯއެފްގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް މަނީލޯންޑަރިން ހިންގިކަމަށް ތުހުމަތުކުރާ މައްސަލާގައި އެމްއެމްއޭގެ އިޙްމާލު އޮތްކަމަށާއި، އަދި ދައުވާކުރަންޖެހޭ ކަމަށް އޭސީސީގެ ތަޙުޤީޤަށް ސާބިތުވާކަމަށެވެ.

އެ މައްސަލަ ތަޙުޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މަޢުލޫމާތު ހިއްސާކުރި ކަމަށާއި، ނަމަވެސް މަނީލޯންޑަރިންގެ ޤާނޫނުގެ ދަށުން އިތުރު ތަޙުޤީޤެއް ހިންގުމަށް ޕީޖީން ލަފާދީފައިވާކަމަށްވެސް މުޢައްވިޒު ވިދާޅުވިއެވެ. އަދި މަނީލޯންޑަރިންގެ ޤާނޫނުގެ ދަށުން އެ މައްސަލަތައް ތަޙުޤީޤު ކުރެވޭނީ ފުލުހުންނަށް ކަމަށްވާތީ، ޕީޖީން ލަފާ ދެއްވިގޮތަށް އިތުރު ތަޙުޤީޤެއް ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓަކުން، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅިކަމަށާއި، ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފުސީލު ވެސް ފޮނުވި ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މަނީލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ނުފޮނުވި މައްސަލައިގައި އޭސީސީން ސުވާލުކޮށް ބަޔާން ނެގި ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި، އެފްއައިޔޫގެ ކުރީގެ ހެޑް، އިބްރާހިމް އާތިފް ޝަކޫރުގެ އިތުރުން އެމްއެމްއޭގެ ބައެއް އިސް މުވައްޒަފުން ވެސް ހިމެނެއެވެ.