ޚަބަރު

މުއައްސަސާތަކުގެ މެދުގައި ބާއްވާ ޤުރުޢާން މުބާރާތް ފަށައިފި


އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ މެދުގައި ބާއްވާ 3 ވަނަ ޤުރުޢާން މުބާރާތް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި މި މުބާރާތް ފަށްޓަވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ ކީރިތި ޤުރުއާން އުނގެނި އަދި އެހެން މީހުންނަށްވެސް އުނގަންނައިދިނުމަށް އިލްތިމާސްކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މުއައްސަސާތަކަށް ޚާއްސަކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތައް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށެވެ. މިއަހަރުގެ މި މުބާރާތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ހިމެނޭހެން 11 މުއައްސަސާއަކުން 68 މީހުން ބައިވެރިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

2017 ވަނަ އަހަރު ބޭޢްވި މުބާރާތުގައި 8 މުއައްސަސާއަކުން 37 މީހުން ބައިވެރިވެފައިވާކަމަށާ އަދި 2018 ވަނަ އަހަރު 9 މުއައްސަސާއަކުން 58 މީހުން ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިފަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ ޤުރުއާނަށް ލޯބިޖެއްސުމުގެ އިތުރަށް ޤާރީންތަކެއް އުފައްދާ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެވޭ ފެންވަރަށް މީހުން ބިނާކުރުންކަމަށެވެ.

"މި މުބާރާތުގެ ބޭނުމަކީ ޤުރުއާން ކިޔެވުމުގެ ލޯބި ދިވެހިންގެ މެދުގައި އުފެއްދުން، ޤުރުއާން ރީއްޗަށް، ރާގަށް ކިޔެވުމަށް ހިތްވަރުދިނުން." މިނިސްޓަރ ވިދާޅުވިއެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނަށް އަހުލުވެރިކުރުމުގެ ގޮތުންނާއި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ތަޖުވީދުމަގުން ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.