ޚަބަރު

އައިޖީއެމްއެޗުގެ އިތުރު ދެ ޚިދުމަތެއް ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލުކޮށްފި


އައިޖީއެމްއެޗުގެ އޯޕީޑީގެ ބައެއް ޚިދުމަތްތައް ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އެގޮތުން އެތެރެހަށީގެ ޚާއްސަ ބަލިތަކާއި ކުޑަކުދިންގެ ޚާއްސަ ބަލިތަކުގެ އޯޕީޑީގެ ޚިދުމަތް މާދަމާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުން ދޭ ގޮތަށް ނިންމާފައިވާކަން އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މި ދެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފަންގިފިލާގައިކަމަށެވެ. މި ދެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު މީގެ ކުރިންވެސް ވަނީ އިތުރު ދެ ޚިދުމަތެއް އެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 4 ވަނަ ފަންގިފިލާއަށް ފިޒިއޮތެރަޕީ ޑިޕާރޓްމަންޓު ބަދަލުކޮށްފައިވާއިރު ސްޕީޗްތެރަޕީގެ ޚިދުމަތްވެސް ވަނީ އެ ހޮސްޕިޓަލުގެ 5 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ.

ދަރުމަވަންތައް ހޮސްޕިޓަލަށް ޚިދުމަތްތައް ބަދަލުކުރަން ފަށާފައިވާއިރު މިއަހަރުގެ ޖުލައި މަހު ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ ފަންގިފިލައަކުން ޚިދުމަތްދޭން ފަށާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކްސްރޭއާއި، ސީޓީ ސްކޭނާއި، އެމްއާރްއައި ފަދަ ތަޙްލީލުތައް ހެދުމަށެވެ. ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާ އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާއިރު 4 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އަރތްރައިޓިސް ނުވަތަ ހުޅުތަކުގެ ބައްޔަށް ފަރުވާދިނުމަށް ހައިޑްރޯ ޕޫލަކާއި، އަދި ފިޒިއޮތެރަޕީގެ ޚިދުމަތްތަކަށް ޚާއްސަކޮށްގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން ދިނުމަށް ހަމަޖެހިފައިވާ އިތުރު ޚިދުމަތްތަކުގެތެރޭގައި ހިތުގެ ބަލިތަކާއި، ކުޑަކުދިންގެ ޚާއްސަ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ކަރުން މަތީގެ ބަލިތަކާއި، ލޮލުގެ ބަލިތައްފަދަ ޚާއްސަ ބަލިތަކުގެ ޚިދުމަތުގެ އިތުރުން، ބޮޑެރި އޮޕަރޭޝަންތައް ކުރުމުގެ ޚިދުމަތް ހިމެނެއެވެ.

މީގެ އިތުރުން މެޑިކަލް ކޮލެޖުގެ ކިޔެވުން ކުރިއަށްގެންދަނީވެސް ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މެޑިކަލް ކޮލެޖުގެ ކްލާސްތައް ހިންގަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 14 އަދި 8 ވަނަ ފަންގިފިލާގައެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ ބަޖެޓުން 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލާއިއެކު އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ 500އަށް އިތުރުވާނެއެވެ.