ސިޔާސީ

އޭޖީގެ މަޤާމުގައިހުރެ ޖީއެމްއާރާއި ގުޅޭ އެއްވެސްކަމެއް ނުނިންމަން- ރިފްޢަތު


އެޓާނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޖީއެމްއާރާއި ގުޅޭ އެއްވެސްކަމެއް ނިންމަވާފައިނުވާނެކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ލަފާ އެރުވިތޯ ސާފުވާން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު އުޝާމް ވަނީ ސުވާލުއުފައްދަވާފައެވެ. އުޝާމް މިހެން ވިދާޅުވިއިރު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތަކީ ޖިމްއާރުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އުޝާމްގެ ވާހަކަތަކަށް ރައްދުދެއްވާ ރިފްޢަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޓާރނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޖީ.އެމް.އާރު.އާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމާފައި ނުވާނެކަމަށެވެ. އަދި ދައުލަތުގެ މަޞްލަޙަތު އިސްކުރާކަމަށާއި، މަޞްލަޙަތު ފުށުއެރުމަކަށް ޖާގައެއް ނުދެއްވާކަމަށްވެސް އޭޖީ ރިފްޢަތު ވިދާޅުވެފައިވެއެވެ. އަދި މަސައްކަތްކުރައްވަނީ ޙައްޤުތަކުގެ ދިފާޢުގައިކަމަށާއި، މި ސަރުކާރުން ވަޢުދުވީ ހާމަކަމާއެކު އިންޞާފު ކަށަވަރުކުރަންކަމަށްވެސް ރިފްޢަތު ވިދާޅުވެފައިވެއެވެ.

ވެލާނާ އިންޓަނޭޝަން އެއަރޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން އުވާލުމާގުޅިގެން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ދޭންޖެހޭކަމަށް ސިންގަޕޫރުގެ އަރބިޓްރޭޝަނުން ނިންމެވިއެވެ. އަދި އެ ފައިސާ ދިވެހި ދައުލަތުން ދައްކާފައިވުމުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވަނީ ޖީމްއެމްއާރުން ދިވެހި ދައުލަތަށް 20 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުވަތަ 300 މިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭނެކަމަށް އެކުންފުންޏަށް އަންގާފައެވެ.