ވިޔަފާރި

ޓެކްސީ ޚިދުމަތް ދިނުމަށް އެޕްލިކޭޝަން ތައްޔާރުކުރުމަށް ހުޅުވާލައިފި


ޓެކްސީ ޚިދުމަތްދިނުމަށް އޮންލައިން އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިޢުލާންކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ޓެކްސީ އޮންލައިން އެޕްލިކޭޝަން ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހާއި 30 ވަނަދުވަހު މަޢުލޫމާތު ސާފުކުރުމަށްފަހު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީ މީޓަރު އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް ހުޅުވާލާފައި މިވަނީ، ޖޫންމަހުން ފެށިގެން ޓެކްސީ ދަތުރުކުރެވޭނީ މީޓަރު އެޕްލިކޭޝަން ބޭނުންކޮށްގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނިކޮށެވެ.

ޓެކްސީ މީޓަރު އެޕްލިކޭޝަންގައި ހުންނަންޖެހޭ ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދަތުރުކުރާ ދުރުމިނާއި، އެ ދުރުމިނަށް ނަގާ އަގުތަކާއި، ޓެކްސީ ކުރި ވަގުތާއި، އާމްދަނީގެ ގޮތުގައި ލިބޭ މިންވަރުވެސް އެޕްލިކޭޝަނުން އެނގެން ހުންނަން ޖެހޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީ މީޓަރު ބޭނުންކޮށްގެން ކުރާ ދަތުރުތަކަށް ނަގާ އަގުތައް ކަނޑައަޅައި އަންނަ މަހު އަމަލުކުރަން ފަށާނެކަމަށެވެ.