ވިޔަފާރި

ޓީޓީއެމް ފެއަރގެ އެއަރލައިން ޕާޓްނަރަކަށް، ފްލައިމީ އަދި ޤަތަރު އެއަރވޭސް


ޓީޓީއެމް ފެއަރގެ އެއަރލައިން ޕާޓްނަރަކަށް، ފްލައިމީ އަދި ޤަތަރު އެއަރވޭސް ހަމަޖައްސައިފިއެވެ.

ޓީޓީއެމް ފެއަރގެ އެއަރލައިން ޕާޓްނަރަކަށް ފްލައިމީ އަދި ޤަތަރު އެއަރވޭސް ހަމަޖައްސާ އެކަމާ ގުޅޭ އެއްބަސްވުމުގައި ޓީޓީއެމް ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސަނީ އުމަރުއެވެ. ފްލައިމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ އެއާރގެ ކޮމާރޝިއަލް އެގްޒެކެޓިވް އަބްދުﷲ އިމާދެވެ.

މި ދެ އެއަރލައިންގެ އިތުރުން ޓީޓީއެމް ފެއަރގެ އެއަރލައިން ޕާޓްނަރަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންވެސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ގެޓަވޭސްއިން ބުނީ މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.