ވިޔަފާރި

ވެސްޓް ޕާކް ސަރަޙައްދުގައި ތަރައްޤީކުރި މާރުކޭޓު ގޮޅިތައް 45 ފަރާތަކާ ހަވާލުކޮށްފި


ކުރީގެ ވެސްޓް ޕާކް ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މާރުކޭޓުތަކުގެ ގޮޅިތައް 45 ފަރާތަކާ ހަވާލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ 45 ގޮޅިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ގޮޅިތަކަށް އެދުނީވެސް 45 ފަރާތަކުންކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނަށް ވެސްޓް ޕާކް މާރުކޭޓްއަށް ކުރިމަތިލީ ޖުމްލަ 45 މީހުން. 45 ގޮޅި އެތާ އިނީވެސް. އަޅުގަނޑުމެން އެ 45 ބޭފުޅުންގެ މެދުގައި ގުރުޢަތު ނަގައިގެން ގޮޅިތައް މިހާރު ހަވާލުކޮށްފައިވާނީ." ޒަމީރު ވިދާޅުވިއެވެ.

ވެސްޓް ޕާކް ސަރަޙައްދުގައި ހަދާފައިވާ ވަގުތީ މާރުކޭޓަކީ ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކުރުމުގެ މަޤްސަދުގައި މާލެ ސިޓީ ކައުންސިލުން ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ. މި މާރުކޭޓަކީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މި މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ އެއް މަސްދުވަހުގެ މުއްދަތަކަށެވެ.

ރޯދަމަހާއި ގުޅިގެން މާލޭ ވެސްޓް ޕާކާއި ނޯތު ހާބަރު ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމްކޮށްފައިވާއިރު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށްރަށުން ތަކެތި ގެނެސްގެން ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި މާރުކޭޓެއް ތަރައްޤީކޮށްފައެވެ. ވިލިމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގައި 20 ގޮޅި ހުރެއެވެ. މި މާރުކޭޓުން ގޮޅިތައް ދޫކޮށް މިދިޔަ ހަފްތާގައި މާރުކޭޓުގައި ވިޔަފާރިކުރަން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލުން ވިދާޅުވީ ވިލިމާލޭގައި ދާއިމީ މާރުކޭޓެއް ޤާއިމްކުރުމުގެ މަސައްކަތް އެކައުންސިލުން މިހާރު ކުރަމުންދާކަމަށެވެ. އަދި ރޯދަމަސް ނިމުމުން ވެސް ވިލިމާލޭގައި ހުޅުވާފައިވާ މާރުކޭޓުން ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސައިދޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

" ކުރިއަށްއޮތް ތާނގައި ވިލިގިލީގައި ދާއިމީ މާރުކޭޓެއް އެޅުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި. މާރުކޭޓުގެ ޚިދުމަތް ވިލިގިލިން މެދުކެނޑޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އަދި ދާއިމީ މާރުކޭޓެއް ހުޅުވެންދެން ވިލިގިލީގެ ލޯކަލް މާރުކޭޓުން އެއްޗިހި ވިއްކޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން." އަހުމަދު ޒަމީރު ވިދާޅުވިއެވެ.

ރޯދަމަހާ ދިމާކޮށް އެކި ރަށްރަށުން ގެންނަ ކާބޯތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދާއިރު އަމިއްލަ ފަރާތްތަކުން ވެސް މާލޭގެ އެކި ހިސާބުގައި މާރުކޭޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ.