ކުޅިވަރު

ރެއާލްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ބެންޒެމާއަށް


މި ސީޒަނުގެ ރެއާލް މެޑްރިޑުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ހޮވައިފިއެވެ.

ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނު ނަމަވެސް ބެންޒެމާ ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ 53 މެޗު ކުޅެ 30 ގޯލު ޖަހާފައެވެ. ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ބެންޒެމާ އަށް ތައުރީފްކޮށްފައެވެ. އަދި ސީޒަނުގެ މެދުތެރެއިން އަންނަ ސީޒަނުގައި ޓީމުގައި ހުންނާނެ ކަމުގެ ޔަގީންކަން ޒިދާންދިން ފުރަތަމަ ކުޅުންތެރިއަކީ ވެސް އޭނާއެވެ.

ބެންޒެމާ ބުނީ މި މަގާމް ލިބުނު މިއީ ފުރަތަމަ ފަހަރުކަމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ. އަދި ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އަދި މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު ކުލަބު ކަމަށާއި އިތުރު ކާމިޔާބީ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

ރެއާލް މެޑްރިޑުންވަނީ މިޑްފިލްޑަރ ޓޮނީ ކްރޫސްގެ ކޮންޓްރެކްޓްވެސް ދާދިފަހުން އާކޮށްފައެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރާނެކަމަށް އެކުލަބުން ބުނެއެވެ.